ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ ހެނދުނު 6:30ން ފެށިގެން 10:30ށް އެސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އެހެން ހިސާބުތަކަށް ވިއްސާކުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ވައިޖެހޭނެކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގު އުތުރުން މެދު ރާއްޖެތެރެއާ ދެކުނު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެދު ރާއްޖެތެރެއާ ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.