ކ. މާލެ
|
12 އޭޕްރިލް 2022 | އަންގާރަ 21:24
ޕްލޭސް2ގޯ 2022ގައި ރާއްޖެ ތަމްސީލުކުރި މޮއި މަލްދިވީ
ޕްލޭސް2ގޯ 2022ގައި ރާއްޖެ ތަމްސީލުކުރި މޮއި މަލްދިވީ
އެމްއެމްޕީއާރްސީ
ކްރޮއޭޝިއާގައި ރާއްޖެ އިޝްތިހާރުކުރުން
ކްރޮއޭޝިއާގައި ބޭއްވި "ޕްލޭސް2ގޯ 2022" ގައި ރާއްޖެ ތަމްސީލުކޮށްފި
މޮއި މަލްދިވީ އިން ގެންދަނީ އެ ސަރަހައްދުގައި ރާއްޖެ އިޝްތިހާރުކުރުމަސް ގިނަ މަދައްކަތްތަކެއް ކުރަމުން

ކްރޮއޭޝިޔާ ގައި، އެޕްރިލް 8 ން 10 އަށް ބޭއްވުނު، "ޕްލޭސް2ގޯ 2022" ޓޫރިޒަމް ފެއަރ ގައި މޮއި މަލްދިވީ ގެ ފަރާތުން ބައިވެރިވެ، އެ ފެއަރ ގައި ދިވެހިރާއްޖެ ތަމްސީލުކޮށްފިއެވެ.

2012 ވަނަ އަހަރުން ފެށިގެން ކްރޮއޭޝިޔާ ގައި ބޭއްވޭ 'ޕްލޭސް2ގޯ' ޓޫރިޒަމް ފެއަރ އަކީ، ބޯލްކަންސް ސަރަހައްދުގެ އިތުރުން، ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވަމުން އަންނަ، ބައިނަލްއަގުވާމީ ޓޫރިޒަމް ފެއަރއެކެވެ. މިއަހަރުގެ ފެއަރ ގައި ދިވެހިރާއްޖޭގެ އިތުރުން، އިންޑިޔާ، އިންޑޮނޭޝިޔާ އަދި ތައިލެންޑު ފަދަ ގައުމުތަކުން ބައިވެރިވެ، އެ ގައުމުތަކުގެ ސްޓޯލްތައް ހުޅުވާފައިވެއެވެ.

'ޕްލޭސް2ގޯ' ޓޫރިޒަމް ފެއަރ ގައި ރާއްޖެ ތަމްސީލުކުރި މޮއި މަލްދިވީ އަކީ ބޯލްކަންސް ސަރަހައްދުގައި ރާއްޖެ އިޝްތިހާރުކޮށް، މާކެޓްކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ދިވެހި ޒުވާނެއްކަމުގައިވާ އައިޝަތު ނުޒުހާ، ސްލޮވޭނިއާގައި އުފައްދާފައިވާ ކުންފުންޏެކެވެ.

ކްރޮއޭޝިޔާގެ 'ޕްލޭސް2ގޯ' ޓޫރިޒަމް ފެއަރ އާއިބެހޭ ގޮތުން ނުޒުހާ ބުނީ މިފެއަރ ގެ އެންމެ ބޮޑު މަގުސަދަކީ ބޯލްކަންސް ސަރަހައްދުގައި ވީހާވެސް ބޮޑަށް ރާއްޖެ މާކެޓްކޮށް އިޝްތިހާރުކުރުމެވެ. ރާއްޖެއަކީ ހަމައެކަނި އަގުބޮޑު ނުވަތަ ހަނީމޫން ޑެސްޓިނޭޝަނެއްނޫންކަމާއި، ރާއްޖޭގެ ފަތުރުވެރިކަމުގައި ތަފާތު ސެގްމަންޓުތައް، ރެޒޯޓްތަކާއި ގެސްޓްހައުސްތައް އަދި ސެއިލް ޓޫރިޒަމްވެސް މިހާރު ހުރިކަން އަންގައިދިނުން ކަމަށެވެ.

ބޯލްކަންސް ސަރަހައްދުގައި ރާއްޖެ އިޝްތިހާރުކޮށް، މާކެޓް ކުރުމަށް ކުރެވޭ މަސައްކަތުގައި، ބޯލްކަންސް ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއަރ، ސާބިޔާގެ ވެރިރަށް ބެލްގްރޭޑް ގައި، މާރޗް 24 ން 27 އަށް ބޭއްވުނު "43ވަނަ އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ–ސަޔަމް ޓޫރިޒްމާ 2022" ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ، މޮއި މަލްދިވީ ގެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ ސްޓޯލެއް ހުޅުވާފައެވެ. ސާބިއާ ފެއަރ ގައި ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އިސް ޑެލިގޭޝަނެއް ބައިވެރިވެ، ޑެލިގޭޝަންގެ އިސްބޭފުޅެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

މޮއި މަލްދިވީ ގެ އެންމެ ބޮޑު އަމާޒަކީ، ކުރިމަގުގައިވެސް ބޯލްކަންސް ސަރަހައްދުގައި ބޭއްވޭ ޓޫރިޒަމް ގެ މިފަދަ ހުރިހާ ފެއަރ ތަކެއްގައި ދިވެހިރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުންކަމަށާއި، ބޯލްކަންސް ސަރަހައްދުގައި ދިވެހިރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުމަށް، އެންމެ ބޮޑު އަދި އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރާ ކުންފުންޏަކަށް މޮއި މަލްދިވީ ވުންކަމުގައި، ނުޒުހާ ބުނެފައިވެއެވެ.

ބޯލްކަންސް ގެ މުހިއްމު ގައުމުތައްކަމުގައިވާ ރޫމޭނިޔާ، ބަލްގޭރިޔާ، ސްލޮވާކިޔާ، ސްލޮވޭނިޔާ، ސާބިއާ އަދި ކްރޮއޭޝިޔާ އިން 2021 ވަނަ އަހަރު، ޖުމްލަ 54،000 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި 2022 ވަނަ އަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި، 17،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ މި ގައުމުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު، 2 ގުނަ އިތުރުވުމެއްކަމަށާއި، މި ސަބަބުތަކަށްޓަކައި ބޯލްކަންސް ސަރަހައްދުގައި ރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުމަށް ވަރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ވަނީ ދޭންޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
13 އޭޕްރިލް 2022 | ބުދަ 00:45
ކުރީގެ އެމް.އެމް.ޕީ.އާރު.ސީ
ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދޭންވާނެ. ޓޫރިޒަމް މިނިސްޓްރީން މިފަދަ ފަރާތްތަކުގެ އަގުވަޒަން ކުރަންވާނެ. މިއީ ވަރަށް ބުރަ މަސައްކަތެއް. ނުޒުހާގެ މަސައްކަތަށް އައްސަރިބަހާްއި ސާބަސް ދަންނަވަން.