އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެއާއި ތުރުކުމެނިސްތާނު ބައްދަލުކުރި މެޗުގައި ތުރުކުމެނިސްތާނުން ރާއްޖެ ކޮޅަށް 7 ލަނޑު ޖަހައިފިއެވެ.
ކިރްގިސްތާންގެ ބިޝްކެކްގެ ގެޒްޕްރޮމް ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ހަވީރު ކުޅުނު މި މެޗުން ތުރުކުމެނިސްތާން މޮޅުވީ 7-0 ންނެވެ. ކޮލިފިކޭޝަންގައި ހޯމަ ދުވަހުގެ ރޭ ކިރިގިސްތާނާއި ރާއްޖެ ބައްދަލުކުރި މެޗުގައިވެސް ރާއްޖެ ކޮޅަށް 7 ލަނޑު ވަނެވެ. އެމެޗުން ރާއްޖެ ބަލިވީ 7-1 ންނެވެ. ކޮލިފިކޭޝަންގައި ރާއްޖެއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކިރިގިސްތާން ކޮޅަށް ޖަހައިދިނީ ހުސެއިން ޝަރީފް (އޮންލީ) އެވެ.
ކޮލިފިކޭޝަންގައި އާދީއްތަ ދުވަހު ރާއްޖެ ނިކުތީ 12 ފަހަރު އޭޝިއާގެ ފުޓްސަލް މުބާރާތް ކާމިޔާބުކޮށްފައިވާ އީރާންއާ ދެކޮޅަށެވެ. އެމެޗުން އީރާން މޮޅުވީ 17-0 ންނެވެ. އީރާންއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ. އީރާން އޮތީ ފުޓްސަލްގައި ދުނިޔޭގެ ރޭންކިންގެ 6 ވަނައިގައެވެ.
މިއާއެކު މުބާރާތުގެ ޖާގައެއް ނުލިބި ރާއްޖެއަށް ވަނީ ކޮލިފިކޭޝަންގެ މެޗުތައް ނިންމާލާށެވެ. ތުރުކުމެނިސްތާން މެޗަށްފަހު ރާއްޖެ ޓީމުން ބުނީ މި މެޗުތަކުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާތަކެއް ލިބުނު ކަމަށެވެ. ރާއްޖޭގައި ފުޓްސަލް އިންޑޯއެއް ނެތުމުގެ ސަބަބުން މިފަދަ މެޗަކަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުނުކަންވެސް ދިވެހި ޓީމުން ފާހަގަކުރިއެވެ.
މިއީ ރާއްޖެއިން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.