ކ. މާލެ
|
7 ޖޫން 2017 | ބުދަ 22:17
ރެއާލް މެޑްރިޑްގެ ފޯވާޑް އަލްވާރޯ މޮރާޓާ
ރެއާލް މެޑްރިޑްގެ ފޯވާޑް އަލްވާރޯ މޮރާޓާ
ސްކައި ނިއުސް
ޓްރާންސްފާ މާކެޓް
މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ހުށައެޅި ބިޑް ރެއާލްއިން ރިޖެކްޓް ކޮށްފި
90 މިލިއަން ޔޫރޯއަށްވުރެ ކުޑަ އަގަކަށް މޮރާޓާ ވިއްކާލަން ރެއާލްއިން ބޭނުމެއް ނުވޭ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ހޯދުމަށް އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑުން ހުށައެޅި ބިޑަށް ރެއާލްއިން ދެކޮޅުހަދައިފިއެވެ.

މޮރާޓާ ހޯދުމަށް ޔުނައިޓެޑްގެ އިތުރުން އިޓަލީގެ އޭސީ މިލާނުންވެސް މަސައްކަތް ކުރަމުން އަންނަ އިރު އެ ދެ ކްލަބުންވެސް މޮރާޓާއަށް ހުށައަޅާފައިވަނީ 60 މިލިއަން ޔޫރޯގެ ބިޑެކެވެ. ނަމަވެސް ބޭރުގެ ކުޅިވަރު ހަބަރު ފަތުރާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، 90 މިލިއަން ޔޫރޯ އަށްވުރެ ކުޑަ އަގަކަށް ރެއާލްއިން މޮރާޓާ ވިއްކައެއް ނުލާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން މަސައްކަތް ކުރަނީ ރެއާލްއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވެސް މޮރާޓާ ހޯދުމުގެ ޑީލުގައި ހިމަނާށެވެ. ނަމަވެސް ރެއާލްއިން ވަނީ އެ ހުޝައެޅުން ރިޖެކްޓް ކޮށްލާފައެވެ.

މޮރާޓާ ވިއްކާލުމަށްޓަކައި އޭސީ މިލާނާއެކު ރެއާލްއިން އެއްބަސްވުމަކަށް އާދެވިފައި ވާކަމުގެ ވާހަކަތަކެއް ވެސް ދާދި ފަހުން ވަނީ މީޑިއާތަކުގައި ފެތުރިފައެވެ. ނަމަވެސް ރެއާލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު މޮރާޓާ ބުނެފައި ވަނީ ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. މޮރާޓާ ވުނެފައިވަނީ އޭނާ ކްލަބުގައި މަޑުކުރަން ބޭނުންވި ނަމަވެސް އެކަމުގައި ގޮތެއް ނިންމާނީ އޭނާ އެކަނި ނޫން ކަމަށެވެ.

ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ކެރިއަރިފެށި މޮރާޓާ އެކުލަބުގެ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2010 ވަނަ އަހަރުއެވެ. އެގޮތުން 2014 ވަނަ އަހަރު އޭނާ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސްއަށް ކުޅެފައެވެ. އެ ކްލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު މޮރާޓާ އެންބުރި ރެއާލް އާއި ގުޅިފައިވަނީ މި އަހަރުއެވެ. އޭނާ ވަނީ ރެއާލް އަށް މިސީޒަނުގައި ކުޅުނު 26 މެޗުން 15 ގޯލު ޖަހާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މޮރާޓާ ނުލިބިއްޖެނަމަ ދެން މިލާނުންވެސް އަދި ޔުނައިޓެޑުން ވެސް މަސައްކަތް ކުރާނީ ޓޮރިނޯގެ އިޓަލީގެ ފޯވާޑް ބެލޮއްޓީ ހޯދުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް