ކ. މާލެ
|
12 އޭޕްރިލް 2022 | އަންގާރަ 06:56
ޗެލްސީގެ ކޯޗު ޓުޗެލް މެޑްރިޑްގައި: ފޮޓޯ-ޗެލްސީ
ޗެލްސީގެ ކޯޗު ޓުޗެލް މެޑްރިޑްގައި: ފޮޓޯ-ޗެލްސީ
ޗެމްޕިއަންސް ލީގު
ރެއާލްގެ ދަނޑުގައި ކުޅުމަކީ އެންމެ ބޮޑު އެއް ޗެލެންޖް- ޓުޗެލް
 
ޗެލްސީއަށް އޮތީ މަދުވެގެން ދެ ލަނޑުގެ ތަފާތަކުން މޮޅުވުން

ރެއާލް މެޑްރިޑްގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ކުޅެން ޖެހުމަކީ އެންމެ ބޮޑު އެއް ޗެލެންޖުކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ. ޗެމްޕިއަންސް ލީގު ކްއާޓަރ ފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއަށް އޮތީ އެ ޗެލެންޖާއި ކުރިމަތިލުމެވެ. ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމްއަށް ޗެލްސީ ނިކުންނައިރު ދެ ލަނޑުގެ ތަފާތަކުން މޮޅުވުން މަޖުބޫރެވެ.

ޔޫރަޕްގެ ޗެމްޕިއަން ޗެލްސީއަށް އެތަށި ދިފާއުކުރެވެން އޮތީ އަންގާރަ ދުވަހުގެ ރޭ ދެލަނޑަށްވުރެ ބޮޑު ލީޑަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ލެގުގެ މެޗު ރެއާލްއިން ވަނީ ޗެލްސީގެ ދަނޑުގައި ކުޅެ 3-1 ން ކާމިޔާބުކޮށްފައެވެ. އެ މެޗުގައި ރެއާލްގެ ތިން ލަނޑުވެސް ޖެހީ ބެންޒިމާއެވެ. ދެވަނަލެގުގެ މެޗާއި ގުޅޭގޮތުން ޓުޗެލް ބުނީ އޮތީ އުނދަގޫ ހުވަފެނެއް ބަލާ, ހަޤީޤަތަކަށް ހަދަން މަސައްކަތްކުރުންކަމަށެވެ. ޓުޗެލް ބުނީ ރެއާލްގެ ދަނޑުގައި ކުޅުމަކީވެސް ޗެލެންޖެއްކަމަށާއި, އެ ޗެލެންޖު އިތުރަށް ބޮޑުވަނީ މިހާރު ނަތީޖާ އޮތްގޮތުން ކަމަށެވެ. އެއީ ދެ ލަނޑުގެ ލީޑެއްގައި ރެއާލް އޮތުމުންނެވެ.

އެއީ ގާތްގަނޑަކަށް ނުވާނެކަމެއް. ވަރަށް, ވަރަށް އުނދަގޫކަމެއް. އެކަމަކު މަސައްކަތްކުރަން ޖެހޭ.
ތޯމަސް ޓުޗެލް / ޗެލްސީގެ ކޯޗު

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުން ރެއާލް މެޑްރިޑް ކަޓުވާލީ ޗެލްސީންނެވެ. އެކަމަކު މިހާރު ހާލަތު އޮތްގޮތުން ޓުޗެލް ބުނީ މެޗުން ނަތީޖާއެއް ނެރެވޭނީ ޗެލްސީން ވަރަށް މޮޅަށް, ތަފާތުކޮށް ކުޅެގެން ކަމަށެވެ. ރެއާލް މެޑްރިޑްގެ ކޯޗު އެންޗެލޮޓީ ބުނީ ޗެލްސީ މެޑްރިޑަށް އައީ ޓީމް ސަލާމަތްކޮށް, ސެމީއަށްދާންކަން އެއީ ޔަޤީންކަމެއްކަމަށެވެ. ޓުޗެލް ބޭނުން ކޮންމެ އެއްޗެއްވެސް ބުނެވޭނެކަމަށާއި, އެކަމަކު ޗެލްސީ އައީ މޮޅުވާންކަން ޔަޤީންކަމަށެވެ. މިކަހަލަ މެޗުތަކުގެ ތަޖުރިބާ ބޮޑު, މިކަހަލަ މެޗުތައް ރަނގަޅަށް އެނގޭ ކުޅުންތެރިންތަކެއް ރެއާލްގައި ތިބުމަކީ ނަސީބެއްކަމަށްވެސް އެންޗެލޮޓީ ބުނެފައިވެއެވެ.

ޗެލްސީއަކީ ވަރަށް ވަރުގަދަ ވާދަވެރިއެއް. އަހަރެމެން މެޗަށް ނިކުންނަނީ ޗެލްސީއަށް ފުރިހަމައަށް އިހުތިރާމް ދީގެން.
އެނެޗެލޮޓީ / ރެއާލް މެޑްރިޑްގެ ކޯޗު

ރެއާލް އާއި ޗެލްސީ ވާދަކުރާ ކްއާޓަރ ފައިނަލް ދެވަނަ ލެގު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް