ކ. މާލެ
|
11 އޭޕްރިލް 2022 | ހޯމަ 23:06
ބީއައިޓީ މިލާން 2022 ފެއަރ
ބީއައިޓީ މިލާން 2022 ފެއަރ
އެމްއެމްޕީއާރްސީ
ބީއައިޓީ މިލާން 2022 ފެއަރ
އިޓަލީގައި ކުރިއަށްދާ ބީއައިޓީ މިލާން 2022 ފެއަރގައި އެމްއެމްޕީއާރުސީއިން ބައިވެރިވެއްޖެ
 
މި ހަރަކާތް ކުރިއަށް ދާނީ އޭޕްރިލް މަހުގެ 10 އިން 12 ވަނަ ދުވަހާއި ހަމައަށް

ރާއްޖޭގެ އެންމެ ޒަމާންވީ ސޯސް މާކެޓްކަމުގައިވާ އިޓަލީގައި ކުރިއަށްދާ ބީއައިޓީ މިލާން 2022 ފެއަރގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވެއްޖެއެވެ.

މި ހަރަކާތް ކުރިއަށް ދާނީ އޭޕްރިލް މަހުގެ 10 އިން 12 ވަނަ ދުވަހާއި ހަމައަށް މިލާންގެ ފިއެރަމިލަނޯސިޓީގައެވެ.

ފިއެރާ މިލާނޯއިން 1980 ވަނަ އަހަރުން ފެށިގެން އިންތިޒާމްކުރާ ބީއައިޓީ މިލާން އަކީ އިޓަލީގައި ބާއްވާ ފަތުރުވެރިކަމާބެހޭ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި، ކޯޕަރޭޓް ނިންމުންތައް ނިންމާ ފަރާތްތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން ވީއައިޕީ ކްލައިންޓުންނާއި ފަތުރުވެރިކަމާ ގުޅުންހުރި އެކި ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. މިއީ މިފަދަ ފަރާތްތަކުން އެއްތަނުން ބައްދަލުކޮށް އެއްވުންތަކާއި، ޕާޓްނަރޝިޕްތައް ޤާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ. މިހަރަކާތުގެ ސަބަބުން ފަތުރުވެރިކަމުގެ އެކި ބްރޭންޑުތަކާއި، ކުންފުނިތަކުން އެފަރާތްތަކުގެ ޕްރޮޑަކްޓްތައް އިޝްތިހާރުކުރުމަށް މިފެއަރގައި ފުރުސަތު ލިބިގެންދިޔައެވެ. އަދި، ފަތުރުވެރިކަމުގެ އައު ތަޖުރިބާތައްކުރަން ބޭނުންވާ ފަރާތްތަކަށް އިންސްޕިރޭޝަން ހޯދައިދިނުމާއި، ކުރިޔަށް އޮތް ހޮލިޑޭ ޕްލޭންކުރުމަށް ހުރި ފުރުސަތުތައް މިފަދަ ހިދުމަތްތައްދޭ ފަރާތްތަކަށް ދައްކާދިނުމަށް ފުރުސަތު ލިބޭނެއެވެ. ކޮވިޑްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ދެމުންދާ ލުއިތަކާއި ގުޅިގެން މިއަހަރުގެ ބީއައިޓީ މިލާން ހަރަކާތަށް ގިނަ ބައެއް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެއެވެ.

މި ހަރަކާތުގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ 9 ކޯ-އެގްޒިބިޓަރުން ބައިވެރިވެއެވެ. މި ހަރަކާތުގައި އެމްއެމްޕީއާރުސީއިން އިސްނަގައިގެން ބައިވެރިވަމުން މިދަނީ އިޓަލީ މާކެޓަށް އަމާޒުކޮށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްކަމުން މިއީ ފަތުރުވެރިން ބޭނުންވާފަދަ ރައްކާތެރި އަދި އެކަހެރި މާހައުލެއް ޔަޤީންކޮށްދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓްކުރުމުގެ މައްޗަށެވެ. މީގެއިތުރުން މި ސްޓްރެޓަޖީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ސެގްމެންޓުތަކާއި ވަކި ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ އިތުރުން ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް މި މާކެޓުގައި އިޝްތިހާރުކުރުމަށް ހާއްސަކުރެވިފައިވާ ސްޓްރެޓަޖީއެކެވެ. މި ފަދަ އިވެންޓުތަކުގެ ސަބަބުން މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގާ ހަރަކާތްތެރިވާ އަދި ބިސްނަސް އާއި ލެޝަރ ބޭނުމުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިއްސާކުރެވޭނެއެވެ.

ޕެންޑަމިކްގެ ސަބަބުން ދިމާވި ގޮންޖެހުންތަކާއެކުވެސް މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި އެ އަހަރު އިޓަލީއިން ވަނީ 27،309 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މިއީ ކުރިން އިޓަލީއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށްވުރެ 41.5 އިންސައްތަ ދަށް އަދަދެއް ކަމުގައިވިޔަސް، މިއީ ޕެންޑަމިކްގެ ސަބަބުން އިޓަލީގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން އައި ބަދަލެކެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިޓަލީއިން ޓްރެވަލް ކޮރިޑޯ ޤާއިމް ކުރުމާއެކު އެ ޤައުމުގެ ރައްޔިތުންނަށް ވަނީ ލެޝަރ ދަތުރުތައް ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. މިއަހަރުގެ މާރޗް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 289،964 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީ އަކީ ރާއްޖެއަށް 5 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. މިގޮތުން އިޓަލީއިން މި މުއްދަތުގައި 19،696 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މާކެޓް ޝެއަރގެ %6.8 އެވެ.

އިޓަލީ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، ޕެންޑަމިކްގެ ކުރިން މިމާކެޓުން ރާއްޖެ އޮތް ތަރުހީބު އަލުން ގާއިމުކޮށް، އެރައިވަލްސް އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ވެލްކަމް ޓްރެވަލް އާއި އީޒީ މާކެޓާއި ބްލުވަކަންޒޭ އާއި އަލްޕިޓުއަރ، މީޑިއާމޮންޑް އަދި ލޯންލީ ޕްލެޓަނާއެކު ޖޮއިންޓް ކެމްޕެއިންތައް ހިންގާފައިވެއެވެ. މީގެ އިތުރުން، އިޓަލީ މާކެޓަށް ހާއްސަކޮށް ބޭއްވި ބިޓް ޑިޖިޓަލް އެޑިޝަން 2021 އަދި ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްގައިވެސް ބައިވެރިވިއެވެ. މިހާރުވެސް މި މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީއިން ހިންގަމުން ގެންދާ ހަރަކާތްތަކުގެ ތެރޭގައި ސްޕޯޓިން ވަކަންޒޭ އާއެކު ހިންގަމުން ގެންދާ ކެމްޕޭނާއި މޯލްޑިވްސް އީ-ލާނިންގް ޕްރޮގްރާމް ބައި ޓޫރިސްމޯ އެންޑް އަޓުއަލިޓާ ހިމެނެއެވެ. އަދި މިއަހަރު މިފަދަ ގިނަ އިތުރު ހަރަކާތްތަކެއް އިޓަލީ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ދުނިޔޭގެ ޤައުމުތަކުގެ އެކި ސެކްޓަރ ތަކަށް ކޮވިޑުން ކޮށްފައިވާ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އިޤްތިސާދުތައް އާރާސްތުކުރުމުގެ ގޮތުން ދުނިޔެ މިހާރު މިސްރާބުޖަހަމުން މިދަނީ އައު އާންމު ހާލަތު ޤާއިމްކޮށް، ޤައުމުތައް ހުޅުވާލާ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމަށެވެ. ގިނަ ޤައުމުތަކުން މިހާރު ދަނީ މިމޭރުމުން ކޮވިޑްގެ ފިޔަވަޅުތައް ލުއިކުރަމުންނެވެ. އަދި ރާއްޖެއިންވެސް މިގޮތުން މިހާރު މިވަނީ ފަތުރުވެރިންނަށް ލުއިތަކެއް ދީފައެވެ. މިގޮތުން 4 މާޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މިގޮތުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދަން ދެން ނުޖެހޭނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް