ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ އެގައުމުގައި ކުރާ މުޒާހަރާތައް އިތުރަށް ވަރުގަދަވަމުންދާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުގައި ލަންކާގެ ވެރިރަށް ކޮލޮމްބޯގައި އެތައް ހާސް އާންމުންނެެއް ވަނީ މަގުތަކަށް ނިކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ. އެގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ހުންނަ ސަރަހައްދަށް އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ.
މުޒާހަރާގެ ބައިވެރިން ދިޔައީ ލަންކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ އަޑުއުފުލަމުން ދިޔަ އާންމުންގެ ފާޑުކިއުން ރާޖަޕަކްސަ އާއިލާއަށްވެސް އަމާޒުވެގެންދިޔަ ކަމަށް ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ އެމީހުން އެދެނީ ލަންކާގެ ވެރިކަމުން ރާޖަޕަކްސަ އާއިލާ ދިއުމަށް ކަމަށެވެ. އެއާއިލާގެ ސަބަބުން ގައުމަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެކަމަށާއި މިހާރު ބޭނުންވަނީ މުޅިން އައު ސަރުކާރަކާ އައު ކެބިނެޓެއް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.
ކޮލޮމްބޯގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވަމުން ގޮސް، މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތައްވެސް ވަނީ ހިނގާފައެވެ. ފުލުހުން ބަހައްޓާފައިވާ ބެރިކޭޑޫތައް ދުރުކޮށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ވަނުމުގެ މަސައްކަތް މުޒާހަރާގެ ބައިވެރިން ކޮށްފައިވާއިރު، މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ވޯޓަރ ކެނޮން ބޭނުން ކޮށްފައެވެ.
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެގައުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރު ކެބިނެޓުގެ 26 މިނިސްޓަރުން ވަނީ އެއްފަހަރާ އިސްތިއުފާ ދެއްވާފައެވެ. މިހާރު ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސަރުކާރު ހިންގަމުން ގެންދަވަނީ މަދު މިނިސްޓަރުން ކޮޅަކާއެކުއެވެ.
މަޖިލީހުގައިހިމެނޭ ސަރުކާރު ކޯލިޝަންގެ 40އަށް ވުރެގިނަ މެމްބަރުން މިހާރު ވަނީ ކޯލިޝަނުން ވަކިވެފައެވެ. މިއާއެކު ހިންގާ މައިޕާޓީގެ އަޤުލަބިއްޔަތު މަޖިލީހުގައި ވަނީ ގެއްލިފައެވެ.
ސްރީލަންކާ މިހާރު އޮތް ހާލަތުން އަރައިގަންނަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 3 ބިލިއަން ޑޮލަރުގެ ބޭރު އެހީ ބޭނުންވާނެ ކަމަށް ލަންކާގެ ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން މާޗް މަސް ނިމުނު އިރު އެގައުމުގެ ފޮރިން ރިޒަރވްގައި ހުރީ 1.9 ބިލިއަން ޑޮލަރެވެ.