ކ. މާލެ
|
10 އޭޕްރިލް 2022 | އާދީއްތަ 22:41
އެމްއެސް މޭޓްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެމްއެސް މޭޓްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ވެޓަރެންސް ލީގު
ގްރީން ސްޓްރީޓްސްގެ މައްޗަށް އެމްއެސް މޭޓްސް ކުރިހޯދައިފި
މޭޓްސް މޮޅުވީ 3-1 ން

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގު 2022 ގައި ގްރީން ސްޓްރީޓްސް އާއި ވާދަކޮށް މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) މެޗު ކާމިޔާބުކޮށްފިއެވެ.

ގްރީންގެ މައްޗަށް މޭޓްސް ކުރި ހޯދީ 3-1 ންނެވެ. މޭޓްސް އިން ލީޑުނެގީ 18 ވަަނަ މިނިޓްގައި މުހުތާރް ނަސީރު (ޓޫކިލޯ) ޖެހި ލަނޑުންނެވެ. އޭގެ ތިން މިނިޓް ފަހުން އަހުމަދު އަފްރާދު (އަފޭ) ޖެހި ލަނޑުން މޭޓްސް އިން ލީޑުފުޅާކުރިއެވެ.

ގްރީންއިން މެޗުގެ 40 ވަނަ މިނިޓްގައި ލަނޑެއް ޖެހިއެވެ. މި ލަނޑު ޖެހީ ކުރިން ގައުމީ ޓީމަށް ކުޅުނު ފޯވާޑް އިލްޔާސް އިބްރާހިމް (އިއްލެ) އެވެ. އޭނާ ގޯލު ޖަަހައި ދެ ވަނަ ހާފްގައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އެކަމަކު، ޓޫކިލޯ އިތުރު ގޯލެއް ޖަހައި އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ. މޭޓްސް މުބާރާތުގައި ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓޫކިލޯ އެވެ.

ހަތް ޓީމުގެ މެދުގައި ކުޅޭ ލީގު ބުރުގެ އެއް ވަނައިގައި އޮތް ހުޅުމާލެ ވެޓަރެންސް އާއި ދެ ވަނައިގައިގައި އޮތް ސޮކަ މޭޓްސް އަދި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ ހުޅުމާލެ ވެޓަރެންސްގެ ފައިދާ ހަތް ގޯލު އޮތްއިރު، ސޮކަ މޭޓްސްގެ ފައިދާ ހަތަރު ގޯލު އެބައޮތެވެ. އަދި ދަ ގްރާންޑޭގެ އޮތީ ފައިދާ ތިން ގޯލެވެ.

މި މުބާރާތް އަލުން ބާއްވަން ފަށާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެފްއޭއެމްއާއި ގުޅިގެން މި ފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި ވާދަކުރަނީ 7 ޓީމެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) ނިކުންނާނީ ގްރީން ސްޓްރީޓްސް އާއި ދެކޮޅަށެވެ. މެޗު ފަށާނީ 16:30 ގައެވެ. މުބާރާތުގެ މެޗުތައް އޮންނާނީ އެފްއޭއެމްގެ އެއް ނަންބަރު ޓާފު ދަނޑުގައެވެ.

- ކޮމެންޓް