ކ. މާލެ
|
10 އޭޕްރިލް 2022 | އާދީއްތަ 19:49
ކޮލިފިކޭޝަންގައި އީރާނާއި ވާދަކުރި ރާއްޖޭގެ ފުޓްސަލް ޓީމް
ކޮލިފިކޭޝަންގައި އީރާނާއި ވާދަކުރި ރާއްޖޭގެ ފުޓްސަލް ޓީމް
-
އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން
އީރާނުން 17 ލަނޑު ޖަހާ ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖެއިން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ފުރަތަމަ ފަހަރު
މި މުބާރާތް 12 ފަހަރު އީރާނުން ކާމިޔާބުކުރި

އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖެއާއި އީރާން ބައްދަލުކުރި މެޗުގައި ރާއްޖެކޮޅަށް 17 ލަނޑު ޖަހާ އީރާނުން މެޗު ކާމިޔާބުކޮށްފިއެވެ.

ކިރްގިސްތާންގެ ބިޝްކެކްގެ ގެޒްޕްރޮމް ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ހަވީރު ކުޅުނު މި މެޗުން އީރާން މޮޅުވީ 17-0 ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އީރާނުން 6 ލަނޑު ޖެހިއެވެ. ބާކީ 11 ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގައެވެ. މީގެ ކުރިން 1997 ވަނަ އަހަރު އީރާނުން ވަނީ ރާއްޖޭގެ ފުޓްބޯޅަ ޓީމު އަތުން 17-0 ން މޮޅުވެފައެވެ.

ފުޓްސަލްގައި ދުނިޔޭގެ ރޭންކިންގެ 6 ވަނައިގައި އޮތް އީރާންއަކީ އޭޝިއާގެ ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއެވެ. މި މުބާރާތް 15 ފަހަރު ބާއްވާފައި ވާއިރު، އޭގެ ތެރެއިން 12 މުބާރާތް އީރާނުން ކާމިޔާބު ކޮށްފައިވެއެވެ. މުބާރާތް ކާމިޔާބު ނުކުރެވުނު ތިން ފަހަރުގެ ތެރެއިން ދެފަހަރު އީރާނުން ވަނީ މުބާރާތުގެ ތިންވަނަ ހޯދާފައެވެ. އަދި އެއްފަހަރު މުބާރާތުގެ ރަނަރއަޕްކަން ހޯދިއެވެ.

ކޮލިފައިންގައި ރާއްޖެ ދެން ބައްދަލުކުރަން ޖެހޭނީ ކިރިގިސްތާންއާއެވެ. މި މެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 19:00 ގައެވެ. އޭގެފަހުން ކޮލިފައިންގެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ރާއްޖެ ބައްދަލުކުރާނީ ތުރުކުމެނިސްތާނާއެވެ.

މިއީ ރާއްޖެއިން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

- ކޮމެންޓް