ޓްރެފިކް އެންމެ ބޮޑަށް ބާރުބޮޑުވާ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބްރިޖް ސަރަހައްދު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ރަމަޟާން މަހާއި ދިމާކޮށް މާލޭގެ ޓްރެފިކް ބާރުބޮޑުވިޔަ ނުދީ، ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ޓްރެފިކް ބަލަހައްޓަމުން އައި ގޮތަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެެވެ. މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ޝާން ވިދާޅުވީ ބްރިޖް އަދި ހައިވޭ ސަރަހައްދުގައި އެންމެ ބޮޑަށް ބާރުބޮޑުވަނީ ހަވީރު ވަގުތުގައި ކަމަށެވެ. އެހެންކަމުން ހަވީރު ވަގުތު އެސަރަހައްދަށް ޚާއްސަ ސަމާލުކަމެއް ދީގެން ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދަވާ ކަމަށް ޝާން ވިދާޅުވިއެވެ.
މީގެއިތުރުން، މީގެކުރީ ރަމަޟާން މަސްތަކުގެ ނަމާދު ވަގުތުތަކުގައި މިސްކިތްތައް ހުންނަ ސަރަހައްދުތައް ބާރުބޮޑުވާކަން ފާހަގަކުރެވިފައިވީ ނަމަވެސް، މިފަހަރު އެކަން ފާހަގަކުރެވިފައިނުވާކަމަށް ޝާން ވިދާޅުވިއެވެ. އެއީ ނަމާދު ވަގުތުތަކުގައި އަދި ތަރާވީސްކުރާ ވަގުތުގައި މިސްކިތްތައް ހުންނަ ސަރަހައްދު ބަންދުކޮށް ޓްރެފިކް ބަލަހައްޓަމުން ގެންދާތީކަމަށާއި މާލޭގެ 13 މިސްކިތެއް ހުންނަ ސަރަހައްދުގައި އެވަގުތުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމުގައި ޝާން ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ރަމަޟާން މަހު ޓްރެފިކް ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަމަޟާން މަސް ފެށުމުގެ ހަފްތާއެއް ކުރިން ފުލުހުން ފަށާފައިވާކަމަށެވެ. މިގޮތުން ޓްރެފިކަށް އަންނާނެ ބަދަލުތަކާއިމެދު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންގޮސްފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.
އަދި މިޕްލޭނާއި އެއްގޮތަށް ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ރަމަޟާން މަސް ނިމި، އީދު ދުވަހާއި ހަމައަށް ކުރިއަށްގެންދަވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
ޝާން އިތުރަށް ވިދާޅުވީ މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް މާލޭގެ ދެ ޕޮލިސް ސްޓޭޝަންގައި އެވަގުތު ޑިއުޓީގައި ތިބޭ ފުލުހުންގެ އިތުރުން އެހެން ފުލުހުންވެސް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.