އިތުބާރު ނެތްކަމަށް ފާސްކޮށް ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ 174 ވޯޓުންނެވެ. 342 މެމްބަރުން ހިމެނޭ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ބޭނުންވަނީ 172 ވޯޓެވެ.
އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންގޮސްފައިމިވަނީ މީގެކުރިން އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރުމުން އިމްރާން ޚާން ގާނޫނު ހަދާ މަޖިލިސް އުވާލެއްވީ ގާނޫނު އަސާސީއާ ޚިލާފަށްކަމަށް އެގައުމުގެ ސްޕްރީމް ކޯޓުން ނިންމާފައިވަނިކޮށެވެ. ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
އިމްރާން ޚާންގެ އިތުބާރުނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާއެކު އިމްރާން ޚާން ވެގެންގޮސްފައި މިވަނީ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރި ފުރަތަމަ ބޮޑުވަޒީރަށެވެ.
އަނެއްކޮޅުން ޕާކިސްތާނުގެ 75 އަހަރުވީ ތާރީޚުގައި އެއްވެސް ބޮޑުވަޒީރަކަށް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފަ އެއްނުވެއެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ފެށުމުގެ ކުޑައިރެއްކޮޅެއް ކުރިން ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. ތިރި ގޭގެ ރައީސަކީ އިމްރާން ޚާން ޕާޓީގެ މެމްބަރެކެވެ. އިމްރާން ޚާން އަކީ ބޭރުގެ ފަރާތްތަކުން ރާވަމުންދިޔަ ރޭވުންތަކުގެ ޝިކާރައަކަށްވެފައިވާ ބޭފުޅެއްކަމަށް ވިދާޅުވެ ފަހުވަގުތު އިމްރާން ޚާން ޕާޓީގެ މެމްބަރުންވެސް ވަނީ ގާނޫނު ހަދާ މަޖިލީހުން ނިކުމެވަޑައިގެންފައެވެ.
އިތުބާރު ނެތްކަމުގެ ވޯޓާއެކު އިމްރާން ޚާން ވިދާޅުވީ ދެން އުފެދޭ ސަރުކާރެއް ގަބޫލުނުކުރައްވާނެ ކަމަށާއި ވެރިކަމުން ދުރުކުރީ އެމެރިކާ އަޑީގައި އޮވެގެންކަމަށެވެ.
އުމުރުފުޅުން 69 އަހަރުގެ އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންނެވީ 2018 ވަނަ އަހަރުއެވެ. ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ އެގައުމުގައި އުފެދިފައިވާ ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތްކުރެއްވުމާއި ގައުމަށް ދިމާވެފައިވާ އިގްތިޞާދީ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދާއެކުއެވެ. ނަމަވެސް މިކަމަށް މާބޮޑު މަސައްކަތެއް ކުރެވުނު ތަން ނުފެނުނު އިރު، ފާއިތުވި ދުވަސްތަކުގައި ވަކިން ޚާއްސަކޮށް ކޮވިޑް-19 އާއެެކު ޕާކިސްތާނުގެ އިގްތިޞާދަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރާމެދު އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ވަނީ ގެއްލިފައެވެ.
އިމްރާން ޚާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިދިކޮޅު ޕާޓީތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން އޭނާ ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. ވަކިން ޚާއްސަކޮށް އެމެރިކާއިން އިމްރާން ޚާން ވެރިކަމުގައި ބަހައްޓަން ބޭނުންނުވާކަމަށާއި ސަބަބަކީ ރަޝިޔާ އާއި ޗައިނާ އާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ކަންކަމަށް ޕާކިސްތާނުގެ ތާއީދު ނުލިބޭތީއެވެ. ނަމަވެސް އެމެރިކާއިން ވަނީ އިމްރާން ޚާންގެ މިވާހަކަތައް ދޮގުކޮށް އެކަމުގެ ހެކި ދެއްކުމަށް ގޮވާލާފައެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށިތަނާ އިމްރާން ޚާން ވަނީ ރަޝިޔާއަށް ވަޑައިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާ ބައްދަލުކުރައްވާފައެވެ.
ގާނޫނު ހަދާ މަޖިލީހުން އައު ބޮޑުވަޒީރެއް އައްޔަނުކުރަންޖެހޭއިރު އައު ބޮޑުވަޒީރު 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އިންތިޚާބެއް ބާއްވަންދެން މަގާމުގައި ހުންނަވާނެއެވެ.