ފަލަސްތީނުގެ ރައްޔިތެއްކަމަށްވާ އުމުރުން 81 އަހަރުގެ އަބްދުލް ގާދިރު އަބޫ އަޖަމިއާ އޭނާގެ ހައި ސްކޫލްގެ އިމްތިހާނުގައި ދެވަނަ ފަހަރަށް ބައިވެރިވެއްޖެއެވެ.
އަބޫ އަޖަމިއާ ހަދާފައިވަނީ ޑިޕްލޮމާ ކޯހެއްގެ އިމްތިހާނެކެވެ. ފުރަތަމަ ފަހަރަށް ބައިވެރިވެގެން އޭނާ ވަނީ އެ އިމްތިހާނުން ފެއިލްވެފައެވެ. މިހާރު ދުނިޔޭގައި 14 ދަރިން ތިބި އަބޫ އަޖަމިއާ ބުނީ އޭނާ ކޮންމެ ދުވަހަކުވެސް 5 ގަޑިއިރު ކިޔަވާކަމަށެވެ. ކާފަ ކިޔާ 36 ކުދިން ދިބި އަބޫ އަޖަމިއާ ބުނީ އޭނާ ކިޔެވުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. ކިޔެވުމަށް ވަކި އުމުރެއް ނޯންނަކަމަށާއި އޭނާ ބޭނުންވަނީ މިހާރުގެ ޖީލްތަކަށް ނަމޫނާއެއް ދެއްކުމަށް ކަމަށެވެ.
ފަލަސްތީނުގެ 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 3.3 ޕަސެންޓް ކުދިންނަކީ ލިޔަންކިޔަން ނޭނގޭ ކުދިންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ އަރަބި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ލިޔަންކިޔަން އިނގޭ މިންވަރު އެންމެ ދަށް ރޭޓު ހިމެނޭ ގައުމެވެ.
އަބޫ އަޖަމިއާ އަށް ކިޔެވުމަށް އެންމެ ބާރު ލިބެނީ އޭނާގެ އަނބިމީހާގެ ފަރާތުންނެވެ.
އަބޫ އަޖްމިއާގެ ދަރިއެއްކަމަށްވާ 43 އަހަރުގެ ޒަކަރިއްޔާ ބުނެފައިވަނީ ބައްޕަގެ ކަންތައްތަކުގައި ފަރުވާ ބަހައްޓާކަމަށާއި ކިޔެވުމަށް ހިތްވަރުދޭކަމަށެވެ. އަދި އާއިލާގެ އެންމެންގެ އެހީ ބައްޕައަށް ލިބޭ ކަމަށާއި އޭނާގެ ބައްޕަގެ ހިތްވަރަށް ފަހުރުވެރިވާކަމަށެވެ.
ޒަކަރިއްޔާ ބުނީ އޭނާގެ ބައްޕަ ކިޔަވަން ފަށާފައިވަނީ އަރަބް-އިސްރާއީލްގެ ހަނގުރާމަ ފެށިގެން އުޅުނު އިރުކަމަށާއި އެ އާއިލާއަށް މަޖުބޫރުވީ ވެސްޓު ބޭންކުގެ ރެފިއުޖީއެއްގެ ގޮތުގައި ފިލައިގެން ދިއުމަށްކަމަށެވެ.
ކޮންމެއަކަސް އަބޫ އަޖްމިއާގެ އާއިލާ މިހާރު ތިބީ އޭނާގެ އިމްތިހާނުގެ ނަތީޖާ ލިބެންދެކަށެވެ. އިމްތިހާނުގެ ނަތީޖާ ލިބޭނީ ޖުލައިމަހުގެ މެދުތެރޭގައެވެ. އެ އާއިލާ މިހާރު އިންތިޒާރުކުރަނީ އަބޫ އަޖްމިއާ ފާސްވެއްޖެނަމަ އެކަން ފާހަގަ ކުރުމަށެވެ.