ކ. މާލެ
|
9 އޭޕްރިލް 2022 | ހޮނިހިރު 20:24
ވެޓަރެންސް ލީގުގައި ދަ ގްރާންޑޭ އާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން
ވެޓަރެންސް ލީގުގައި ދަ ގްރާންޑޭ އާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ވެޓަރެންސް ލީގު
ފަހަތުން އަރާ ދަ ގްރާންޑޭ މޮޅުވެއްޖެ
ދަ ގްރާންޑޭ މޮޅުވީ 3-1 ން
ކުޅުނު ދެމެޗުންވެސް ދަ ގްރާންޑޭ ވަނީ މޮޅުވެފައި
ޕޮލިސް ކްލަބަށް ވަނީ ފުރަތަމަ ދެމެޗުވެސް ނާކާމިޔާބުވެފައި

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގު 2022 ގައި ޕޮލިސް ކްލަބްއާއި ބައްދަލުކުރި މެޗު ފަހަތުން އަރާ ދަ ގްރާންޑޭ ކާމިޔާބުކޮށްފިއެވެ.

ދަ ގްރާންޑޭއިން މެޗު ކާމިޔާބުކުރީ 3-1 ންނެވެ. މިއާއެކު ޕޮލިސް ކްލަބުން ކުޅުނު ދެމެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އަތުން ޕޮލިސް ކްލަބް ބަލިވީވެސް ހަމަ މި ނަތީޖާއިންނެވެ. މިއީ ދަ ގްރާންޑޭއިން މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކުރީ 1-0ންނެވެ.

ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ޕޮލިސް ކްލަބަށް ލީޑު ނަގައިދިނީ މުހައްމަދު އީސާއެވެ. ނަމަވެސް ދަ ގްރާންޑޭއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލާފައެވެ. ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ހަސަން ޝަރީފްއެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގަދިން ލަނޑު ކާމިޔާބުކޮށްދިނީ ޝުއައިބް ޒާހިރުއެވެ. ދަ ގްރާންޑޭގެ ތިންވަނަ ލަނޑުވެސް ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ޝުއައިބުއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ގްރާންޑޭގެ އިބްރާހިމް ޒައީމްއެވެ.

މި މުބާރާތް އަލުން ބާއްވަން ފަށާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެފްއޭއެމްއާއި ގުޅިގެން މި ފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި ވާދަކުރަނީ 7 ޓީމެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) ނިކުންނާނީ ގްރީން ސްޓްރީޓްސް އާއި ދެކޮޅަށެވެ. މެޗު ފަށާނީ 16:30 ގައެވެ. މުބާރާތުގެ މެޗުތައް އޮންނާނީ އެފްއޭއެމްގެ އެއް ނަންބަރު ޓާފު ދަނޑުގައެވެ.

- ކޮމެންޓް