ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަންކަން މައިގަނޑު ގޮތެއްގައި ހިންގައި ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2020 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓަރ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ, މައިގަނޑު ގޮތެއްގައި 31 ޑިސެންބަރު 2020ށް ނިމުނު, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މާލީ އަހަރުގެ ޚަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓުގެ މަގުސަދުތައް ހާސިލުވާ ގޮތަށް, ބަޖެޓްގައި ކަނޑައެޅިފައިވާ ކަންތައްތަކަށް ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް, ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ, އޮޑިޓަރ ޖެނެރަލް އޮފީހުން ދެކޭގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 31 ޑިސެމްބަރ 2020ގައި ނިމުނު މާލީ އަހަރުގެ "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން"އާއި "ފާސްކުރެވުނު ބަޖެޓާއި އެބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާން"އާއި މިބަޔާންތަކާ ގުޅޭ ތަފުސީލު ނޯޓުތަކަކީ މައިގަނޑު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ 31 ޑިސެންބަރ 2020ށް ނިމުނު މާލީ އަހަރު އެ އޮފީހަށް ލިބުނު ފައިސާއާއި އެފައިސާއިން ކުރެވުނު ޚަރަދާއި, މާލީ އަހަރުގެ ނިޔަލަށް ބާކީހުރި ފައިސާ ތެދުވެރިކަމާއެކު ހަގީގަތާ އެއްގޮތަށް ދައްކުވައިދޭ "އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑް (އިޕްސަސް) ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ"އާ އެއްގޮތަށް ތައްޔާރުކުރެއްވިފައިވާ މާލީ ބަޔާންތަކެއްކަމަށެވެ.
އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މިމާލީ ބަޔާން ތައްޔާރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ގަނޑުވަރުގެ ހިސާބުތައް ހިމަނައިގެން, 3 ތަނުގެ ބަޔާން އެއް ބަޔާނެއްގެ ގޮތުގައި ކަމަށެވެ. ސަބަބަކީ އެ މުއައްސަސާތަކުގެ ހިންގުމުގެ ކަންކަމާއި މާލީ ކަންކަމުގެ ބަސްކިޔައި ނިންމުންތައް ނިންމުމައި އެކަންކަމުގައި އެތަންތަނުގެ އުސޫލުތައް ގާއިމުކުރުމުގެ ބާރު ރައީސް އޮފީހަށް ލިބިފައިވާތީއެވެ.