ކ. މާލެ
|
8 އޭޕްރިލް 2022 | ހުކުރު 23:43
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވާހަކަ ދައްކަވަނީ
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވާހަކަ ދައްކަވަނީ
ހެލްތު މިނިސްޓްރީ
ކެންސަރު ބަލި
ކެންސަރު ބައްޔަށް މީހުން ހުށައެޅޭ ސަބަބު ދެނެގަތުމަށް ދިރާސާއެއް ވަނީ ފަށާފައި: ހެލްތް މިނިސްޓަރ
 
މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއެކު، ރައްޔިތުންނަކީ، ޞިއްޙީ ކަންކަމަށް ހޭލުންތެރިވެ އެކަންކަމަށް ފަރުވާ ބަހައްޓާ ބަޔަކަށް ހެދުން

ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށައެޅޭ ސަބަބުތައް ދެނެގަތުމަށް، ޑަބްލިޔުއެޗްއޯ އާ ގުޅިގެން ދިރާސާއެއް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޕްރައިމަރީ ހެލްތުކެއަރ ގެ ނިޒާމު އާރޯކޮށް އަލުން ފެށުމަށް ސަރުކާރުން ތައްޔާރު ވަމުންދާ ކަމަށާއި ކެއިން ބުއިމާއި މާޙައުލުގެ ޒަރީއާއިން ކުރިމަތިވާ ޞިއްޙީ މައްސަލަތައް ދެނެގަތުމަށް، އަދި ވަކިން ޚާއްޞަކޮށް ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށައެޅޭ ސަބަބުތައް ދެނެގަތުމަށް،ދިރާސާ ފަށާފައިވާ ކަމަށެވެ.

މި މަސައްކަތުގެ އެންމެބޮޑު ބޭނުމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއެކު، ރައްޔިތުންނަކީ، ޞިއްޙީ ކަންކަމަށް ހޭލުންތެރިވެ އެކަންކަމަށް ފަރުވާ ބަހައްޓާ، އަދި ޕެންޑެމިކް ތަކާ، ޤުދުރަތީ އެކިއެކި ކާރިސާތަކުގައިވެސް، ތިމާވެށި ހިމާޔަތް ކުރުމުގައިވެސް 'ރެޒީލިއެންޓް" ބަޔަކަށް ހެދުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އަހަރުމެންގެ ޢަމަލުތަކުން ގުރަހައިގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާކަން ދެނެގަނެ އެކަމަށް އިސްކަން ދޭން ޖެހޭކަން ފާހަގަކުރައްވާ ނަސީމް ވިދާޅުވީ ގުރަހައިގެ ދުޅަހެޔޮކަން ނެތިއްޖެނަމަ ތިމާވެއްޓަށާއި އިޤްތިސާދަށާއި، އިޖްތިމާޢީ ދުޅަހެޔޮކަމަށް އަސަރުކުރާކަން ޤަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ގުރަހައިގެ ނިކަމެތިކަމަކީ އިންސާނާގެ ޞިއްހަތަށް ނޭދެވޭ އަސަރު ކުރުވާ ޙާލަތެއްކަން ވިސްނުމުގައި އާލާ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ކަންކަމުގެ ތެރޭގައި، ތިމާވެއްޓާ އިންސާނުންގެ ޞިއްޙަތު ރައްކާތެރިކުރުން ހިމެނޭ ކަމަށާއި ވަކިން ޚާއްޞަކޮށް، "ހަށިހެޔޮ ދުޅަހެޔޮ" ރައްޔިތެއް ބިނާ ކުރުމަށާ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމާ، ބޭސްފަރުވާގެ ކަންކަން ކަށަވަރުކުރުމަށް، މި ސަރުކާރުން އަލަށް ފެށި މަޝްރޫޢުތަކުގެ ކާމިޔާބުން، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ރާއްޖޭގައި އުފެދޭ އަދި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކަމާބެހޭ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ އިދާރާތަކުން ކުރާ މަސައްކަތުގައި ބައިވެރިވެ، އެ އިދާރާތަކުގެ ފަންނީ ލަފާއާއި އިރުޝާދާއި އެއްގޮތަށް، އަދި ރާއްޖޭގެ ޙާލަތަށް ރިޢާޔަތްކޮށް، އައު ސިޔާސަތުތައް ކަނޑައަޅާ ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

ކަމާބެހޭ ރާއްޖޭގެ މުއައްސަސާތަކުގެ އިދާރީ އޮނިގަނޑުތަކާ ފަންނީ ޤާބިލުކަން ހުރި މިންވަރު މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށާއި ފަންނީ އަދި މާލީ ވަޞީލަތްތައް ފޯރުކޮށްދީ އެ އިދާރާތައް ހަރުދަނާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ، ތިމާވެއްޓާ، ޞިއްހަތު ރައްކާތެރިކުރުމުގެ ޒިންމާ، ދެމެހެއްޓެނިވި އަދި ނަތީޖާ ނެރެވޭނެހެން ކުރިއަށް ގެންދެވޭނެކަމުގެ އިތުބާރު ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެން ދިޔުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް