ކ. މާލެ
|
8 އޭޕްރިލް 2022 | ހުކުރު 12:52
ލޯކަލް މާރުކޭޓުގައި ގޮޅިތަކުގައި ބިދޭސީން ވިޔަފާރި ކުރުމުގައި
ލޯކަލް މާރުކޭޓުގައި ގޮޅިތަކުގައި ބިދޭސީން ވިޔަފާރި ކުރުމުގައި
ޙުސައިން މަޚްތޫމް
މާރުކޭޓުގައި ބިދޭސީން ވިޔަފާރިކުރުން
ދިވެހިންގެ ނިވަލުގައި މާރުކޭޓުގެ ގޮޅިތައް ބިދޭސީންގެ ބާރުގެ ދަށުގައި، ސިޓީ ކައުންސިލް ގަދަ ނިދީގައި!
 
މައްސަލަ ހުށަހެޅުމުން ސިޓީ ކައުންސިލުން އެ މައްސަލަ ނުބެލި
 
ސިޓީ ކައުންސިލުން އަޅައެއް ނުލާ
 
18 އަހަރު ވަންދެން މަސައްކަތް ކުރި މީހާ ޝަރުތު ފުރިހަމަ ނުވޭ، އިހައްދުވަހު ކުރިމަތިލި މީހާއަށް ގޮޅި ދޫކޮށްފައި އެބަހުރި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީގެ މައި ދެ މާރުކޭޓުގެ ގޮޅިތައް ހަމަޖައްސައި ގުރުއަތު ނަގައި އެ ލިބެން ޖެހޭކަމަށް ބުނާ ފަރާތްތަކަށް އެތަންތަން ދީ ރޯދައިގެ ކުރިން ނިންމައިފިއެވެ. އެ ހިސާބުން އެތަންތަނުގެ ބެލެނިވެރި ފަރާތްކަމުގައިވާ ސިޓީ ކައުންސިލްގެ ހުރިހާ ޒިންމާއެއްވެސް އަދާކޮށް ނިމުނީއެވެ. މަސްއޫލިއްޔަތުވެސް އަދާކޮށް ނިމިއްޖެއެވެ.

ފާއިތުވި 2 އަހަރާއި ޚިލާފަށް މިއަހަރުގެ ރޯދަ މަސް ތަފާތެވެ. އެއީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެ ބޭރަށް ނުކުމެވޭނެ ފުރުސަތެއް މިފަހަރު ފަސޭހަކަމާއެކު ލިބުނީތީއެވެ. ރޯދަމަށް އެންމެ ބާރު ބޮޑުވާނީ މާރުކޭޓުކަމުން އެތަނުގެ ވާނުވާ ވެސް ކޮންމެވެސް ވަރަކަށް ބަލާލަން ދެވުނެވެ. މާރުކޭޓް ތިޔާގިއެވެ. އަގުތައް ވެސް އެހެން އަހަރުތަކާއި އަޅާ ބަލާނަމަ ދާދި އެއްވަރެކެވެ.

ނަމަވެސް ވިޔަފާރި ކުރުމުގައި އެތަނުގައި ތިބި ދިވެހިންނަށް އެތައް ދަތިތަކެއް އެބަހުއްޓެވެ. ވަކިން ޚާއްސަކޮށް މާރުކޭޓުގެ ވިޔަފާރިއަށް އަތްގަދަކުރަމުން އަންނަ ބިދޭސީންގެ ނުފޫޒު ބޮޑުވުމުގެ ސަބަބުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކުގައި ބުނާ ގޮތުން، ދިވެއްސަކާއި ނުލައި ބިދޭސީންނަށް އަމިއްލަ ވިޔަފާރިއެއް ނުފެށޭނެއެވެ. އެހެންކަމުން މާރުކޭޓުގައި ގޮޅި ނަގައިގެން ވިޔަފާރި ކުރާ ބިދޭސީންގެ ނިވާފަތްގަނޑުގައި ކޮންމެވެސް ދިވެއްސަކުވެއެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ވިޔަފާރި ކުރުމުގައި - ރާއްޖެއެމްވީ

ހަޤީޤަތް ބަލާއިރު، ސިޓީ ކައުންސިލުން ގޮޅިތައް ދޫކުރި އިރު އެއްވެސް ހަމައެއް ލަމައެއް ނެތި ބޭނުން ބަޔަކަށް ގޮޅި ބަހާފައި ބާކީ ހުރި އެއްޗެއް ދެން ދިނީ އެތަނުގައި އާންމުކޮށް ވިޔަފާރިކުރާ މީހުންނަށެވެ. އެއީ ފަރުދާގެ ފުރަގަހުގައި ސިޓީ ކައުންސިލުން ހިންގި ކަންކަމަށް ފަސް އެޅުމަށެވެ. ނަމަވެސް މާރުކޭޓުގެ ގޮޅިތަކުގެ ގުރުއަތަށް ރާއްޖޭގެ އެންމެ އުތުރުންނާއި ދެކުނުން، މަތިންދާ ބޯޓުގައި ޓިކެޓް ނަގައިގެން ކަމާކަންފަށައި ގުރުއަތަށް އައި މީހުންނަށް ވެސް ގޮޅި ލިބިފައި ހުއްޓެވެ. މިއީ އަލަށް މިކަމުގެ ތެރެއަށް ވަތް މީހުންނެވެ.

ނަމަވެސް ހުރިހާ ޕޮއިންޓެއް ހަމަވެއެވެ. ހުރިހާ ޝަރުތެއް ވެސް ފުރިހަމަވެއެވެ. އަދި ކިއެއްތަ ހުރިހާ ގޮތަކުން ވެސް އެމީހުން ތިބީ މަތީގައެވެ. ނަމަވެސް އެ މާރުކޭޓުގައި 18 އަހަރު ވަންދެން އެ މަސައްކަތް ކުރަމުން އައި މީހާގެ ޝަރުތު ފުރިހަމަ ނުވެއެވެ. ޕޮއިންޓްވެސް ހަމަ ނުވެއެވެ. އާމްދަނީ ހޯދަން ކުރާ މަސައްކަތަށް ވުމުން، އެއްކަލަ މަތިން ޓިކެޓް ނަގައިގެން އައި މީހުން ބޮޑު އަގުގައި ގޮޅިތައް ދޫކުރި ނަމަވެސް އެ ނޫންގޮތެއް ނެތި ގޮޅިއެއް ކުއްޔަން ނަގައިގެން އެތަނުގައި ދުވަސްވީ ވިޔަފާރިވެރިން އެބަތިއްބެވެ.

މާރުކޭޓުގައި ވިޔަފާރި ކުރާތާ 18 އަހަރު، އެކަމަކު ސިޓީ ކައުންސިލުން ބުނީ ޝަރުތު ފުރިހަމަ ނުވާ ކަމަށް - ޙުސައިން މަޚްތޫމް

މާލޭގައި އެންމެ ފުރަތަމަ ޓެންޓު ޖަހައިގެން މި ވިޔަފާރި ތެރެއަށް ވަތް މީހަކު ބުނީ ލޯކަލް މާރުކޭޓުގެ 90 އިންސައްތަ ގޮޅީގައި ވިޔަފާރި ކުރަނީ ބިދޭސީން ކަމަށެވެ. އެމީހުންނަށް ގޮޅި ނުލިބޭނެ ނޫންތޯ ސުވާލު ކުރުމުން ބުނީ، ގުރުއަތުލި ދުވަހު މަތިންނާއި ސްޕީޑް ފެރީތަކުގައި އެކަމަށް އައި މީހުން 12 ނޫނީ 15 ވަރަކަށް ހާސް ރުފިޔާ ލިބޭ ގޮތަށް ބިދޭސީންނަށް އެތަންތަން ދީފައި ގޭގައި އަރާމުގައި ތިބޭ ކަމަށެވެ.

އެއީ ހަމަ ހަބޭސް. އެ ހަމަ ހަބޭސް. ވާގޮތަކީ ދިވެއްސަކަށް ކުއްޔަށް ދޫކޮށްގެން ވެސް ނުވޭ. ދިވެއްސަކަށް ދިނީމާ ފަހަރެއްގައި ބުނެފާނެ، މަ މީނީ ކުއްޔަށް ނަގައިގެންނޭ. އެހެންނުން ވާނީ. ދެން ބަންގުލަދޭޝް މީހަކަށް ދީފިއްޔާ އެމީހެއްގެ ކަންކަށި މަތީގައި އަތުން ޖަހާފައި ބުނާނެ، ކަލޭ ކޮންމެއަކަސް މި ވާހަކަ ނުދައްކާށޭ، ކަލޭ ކުއްޔަކަށް ނޫނޭ އުޅެނީ. ކޮންމެވެސް މަގު ނުހިނގޭ މީހަކު ގެނެސް ވިޔަފާރި ކުރަނީ ހަމަ. ކޮށްފައި މަށަށް 10،000 ނޫނީ 15،000 ގެނޭ. ދިނީމަ ނިމުނީ. މިހާރު މިތަނުގެ 90 އިންސައްތަ އޮތީ ކުއްޔަށް ދީފައި. މި މާރުކޭޓުގެ 90 އިންސައްތަ ގޮޅި އޮތީ ކުއްޔަށް ދީފައި ހަމަ ބިދޭސީންނަށް
ވިޔަފާރިވެރިއެއް

އޭނާ ބުނީ 18 އަހަރުވީއިރުވެސް އޭނާގެ ޝަރުތު ދުވަހަކު ވެސް ފުރިހަމަ ނުވާ ކަމަށެވެ. އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތުމުން ކޮންމެވެސް މީހެއްގެ ގޮޅި ކުއްޔަށް ނަގައިގެން އެކަން ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ލޯކަލް މާރުކޭޓުގެ 90 އިންސައްތަ ގޮޅީގައި ވިޔަފާރި ކުރަނީ ބިދޭސީން ކަމަށެވެ.

އެހެންނުން ވާނީ ގޭގައި އޮވެގެން ކާލެވެންޏާ ފަސޭހައެއް ނުން. އަހަރުމެންނަކީ މިތަނުގައި މަސައްކަތް ކުރި މީހުން 18 އަހަރު. އެކަމަކު ގޮޅިއެއް ނުދޭނެ. ޕޮއިންޓް ހަމަ ނުވޭ ދުވަހަކު ވެސް. ގުރުއަތުލާ އިރު ވެސް އެ ހަމައެއް ނުވޭ. 18 އަހަރު މިތާ މަސައްކަތް ކުރާތާ. އެކަމަކު ޕޮއިންޓް ހަމަނުވޭ. ސިޓީ ކައުންސިލުން އެކަމެއް ނުބަލާ. ފޯމު ފުރިހަމަ ކުރާ އިރު އޭގައި ހުރޭ ޝަރުތުތަކެއް ޖަހާފައި. ގިނަ ދުވަހު މިތަނުގައި މަސައްކަތް ކުރި މީހުން. ގިނަ ދުވަހު ހިންގި މީހުން. މި ބުނީ 18 އަހަރު ވެއްޖެއޭ މިތާ އިނދެގެން މި މަސައްކަތް ކުރާތާ. އެކަމަކު ގޮޅިއެއް ނުދިން. އަހަރުންނަށް ނޭނގޭ އެތާ ތިބޭ މީހުންނަށް ޕޮއިންޓް ފެންނަނީ ކޮންތަނަކުން ކަމެއް. އެ ދަނީ ކޮންތަނަކުން ކަމެއް
ވިޔަފާރިވެރިއެއް

ވިޔަފާރިވެރިން ބުނީ ގޮޅިތައް ދީފައި ހުރީ އެތަނުގައި ވިޔަފާރި ކުރާ ފަރާތްތަކަށް އެކަނި ނޫން ކަމަށާއި، އެތައް ޒަމާނެއް ވަންދެން އެތަނުގައި މަސައްކަތް ކުރި މީހުންނަށް ވެސް ގޮޅި ނުލިބި އަލަށް ކުރިމަތިލި މީހުންނަށް ގޮޅި ދޫކޮށްފައިވާ ކަމަށެވެ.

ބިދޭސީންނަށް ގޮޅިތައް ކުއްޔަށް ދީފައި ބައެއް ދިވެހިން ގޭގައި ތިބޭކަމަށް ވިޔަފާރިވެރިން ބުނޭ - ޙުސައިން މަޚްތޫމް

އެހެން މީހަކު މިކަމާއި ގުޅިގެން ވާހަކަދައްކަމުން ބުނީ ފުވައްމުލަކު ހަތަރު ފަސް މީހަކު މަތިން ޓިކެޓް ނަގައިގެން އައިސް ގޮޅިތައް ނަގާފައި ބިދޭސީންނަށް ކުއްޔަށް ދޭނެކަމަށް ބުނާ ކަމަށެވެ. އަދި މިއީ މިފަހަރު ވެސް ކަން ހިނގާފައިވާ ގޮތް ކަމަށާއި، އެކަން ބަލަން ތިބި ފަރާތުން ހިތުހުރި ގޮތަކަށް ކަންކަން ކުރުމުން، އެކަން ދެން މައްސަލައަކަށް ނުވާނެ ކަމަށެވެ.

ބިދޭސީންނަށް ކުއްޔަށް ދީފައި އެމީހުން އެ ދިޔައީ ފުރައިގެން. މިއީ ސިޓީ ކައުންސިލް ނުކުޅެދުނީމަ ވާނެ ގޮތް. މިތާ އެމީހުން އެ ތިބެނީ ގޮޅިތައް ކުއްޔަށް ދީފައި. އެމީހުން ގޭގައި. މި ކުއްޔަށް މިދެނީ ނޫނީ ގޮޅި ހޯދަނީ އަމިއްލަ މަސައްކަތުން ކައިބޮއި އުޅެންވެގެން ގޮޅި ހޯދަން މިޖެހެނީ. ހުރިހާ އެންމެން ކުއްޔަށް ދީފައި ގޮސް ގޭގައި މިތިބީ. އިބްރާހިމް މުހައްމަދު ސާލިހު މެންނަށް މިކަމެއް ނުވޭ ނޫންތޯ؟ ސިޓީ ކައުންސިލުން އަދި ވެސް ނުބަލާ ގޮޅިތަކުގައި ތިބީ އެތަންތަން ކުއްޔަށް ދޫކޮށްފައި ތިބި މީހުންތޯ؟ 80 ވަރަކަށް ގޮޅި އެބަހުރި ކުއްޔަށް ދީފައި ބިދޭސީންނަށް. ފުލް ބާރުގައި ތިބި ބިދޭސީން. 12،000ށް 15،000ށް 8،000ށް 10،000ށް ކުއްޔަށް ނަގައިގެން ތިބި ބިދޭސީން މަހެއްގެ މައްޗަށް
ވިޔަފާރިވެރިއެއް

އިތުރު ވިޔަފާރިވެރިއަކު ބުނީ ބިދޭސީންގެ މައްސަލަ ހުށަހެޅުމުން ސިޓީ ކައުންސިލުން އަންނަ ކަމަށާއި، ނަމަވެސް ހުށަހަޅާ މައްސަލަ ނުބަލާ، އެކަކަށްވުރެ އިތުރަށް މީހުން ނުތިބުމާއި، ކޭޝިއަރަކަށް ބިދޭސީއެއް ނުބެހެއްޓުމަށް ބުނެފައި ދާކަމަށެވެ.

ސިޓީ ކައުންސިލުން ބިދޭސީންގެ މައްސަލައަށް ހައްލެއް ނުގެންނަކަމުގެ ޝަކުވާ ބޮޑު - ޙުސައިން މަޚްތޫމް
އެއީ ވަރަށް ބޮޑު ގޯހެއް. ވަރަށް ގިނަ ތަންތަން އެބަހުރި ބިދޭސީންނަށް ދީފައި ދިވެހިން ނަގާފައި. އެވާހަކަ ބުނީމަ މިތަންތަންނަށް އައިސް (ސިޓީ ކައުންސިލް) ބަލާފައި ބުނާނެ އެކަކަށްވުރެ ގިނައިން ނުގެންގުޅޭށޭ. ނަގަނީ ދިވެހިންގެ ނަމުގައި. ނަގާފައި އެމީހުން ކުއްޔަށް ދޫކޮށްލަނީ މަހަކު 12،000ށް 15،000ށް. ދޫކޮށްލީމަ އެމީހުން ހިފައިގެން އެމީހުން ވިޔަފާރި ކުރަނީ. ވަރަށް ބައިވަރު ގޮޅިތައް ދޫކޮށްލާފައި އެބަހުރި. އެހެން ނޭނގޭ ބުނާކަށް. މިތަނަށް އައިސް ބަލާލާފަ ހަމަ ބުނާނެ އެކަކު ބަހައްޓާށޭ، ވަތްގަނޑުގައި ދިވެއްސަކު ބަހައްޓާށޭ
ވިޔަފާރިވެރިއެއް

ދިވެހިންގެ މަދު ބަޔަކު ކުރާ މިފަދަ ކަމެއްގެ ސަބަބުން މި ވިޔަފާރީގައި ވެސް ބިދޭސީން ވަރަށް ބޮޑަށް އަތްގަދަކޮށް، ދިވެހި ވިޔަފާރިވެރިންނަށް އެކަމުގައި އެތަކެއް ގެއްލުން ދަނީ ދެމުންނެވެ. މާރުކޭޓުން ފެނިގެންދަނީ ދިވެހިންނަށް ވުރެއް ގިނައިން ބިދޭސީން މިކަމުގައި އަވަދި ނެތި އުޅޭ މަންޒަރެވެ. ސިޓީ ކައުންސިލަށް މި މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން މާރުކޭޓު ގޮޅި ދޫކުރުމުގެ ކަންކަންމުގައި "ކަޓު" ނަގާތީ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
67%
0%
0%
0%
33%
ކޮމެންޓް
12 އޭޕްރިލް 2022 | އަންގާރަ 11:25
އެމްސް
ދިވެހިރާއްޖޭގަ ނޫނީ، އެޤައުމުގެ އެންމެ ޢާއްމު/އާދައިގެ ވިޔަފާރިތައް ތެރެއަކަށް ބިދޭސީންނަކަށް ނުވަދެވޭ! ކަމަށް ޙައްލު އޮތީ މިފަދަ ގޮތަކަށް ޢަމަލުކޮށްގެން!
8 އޭޕްރިލް 2022 | ހުކުރު 18:58
މަޒް
ގޮޅީގައި 18 އަހަރު ވިޔަފާރި ކުރުން އެއީ ގޮޅި ލިބެން ޖެހޭ ސަބަބެއް ނޫން.. އާ ވިޔަފާރިވެރިންނަށްވެސް ފުރުސަތު އޮންނަން ޖެހޭ.. އެކަމަކު ބިދޭސީން ތިތަނުގައި ވިޔަފާރި ކުރުން އެއީ ބޮޑު މައްސަލައެއް
8 އޭޕްރިލް 2022 | ހުކުރު 13:20
މާރުކޭޓް ގޮޅި ކުއްޔަށް ހިފައިގެން އުޅޭ ދިވެއްސެއް
މާރުކޭޓްގެ ގަޑީކަމަރާއި އިލެކްޓްރޯނިކްސް ބައިގަ 15 އަހަރު ކުއްޔަށް އުޅުނު މީހާއަށް ނުލިބި، ދުވަހަކު އެތަނުން ނުވެސް ފެންނަ ބަޔަކަށް 50 މާކުހުން މަތިން ލިބުނު ކަމަށްބުނެ ގެޒެޓް ކުރި ލިސްޓް މިހާރު ނަގައިފި، މި ގޮޅިތަކުން 7 ފަރާތަކުން މިހާރުވެސް ގޮޅި ކުއްޔަށްދީގެން ހިންގަނީ. ލުއިކާނާ ގޮޅިތައްވެސް ހުރި ބިދޭސީންނަށް ގުދަނުގެ ގޮތުގައި ކުއްޔަށްދީފައި. މާރުކޭޓްގައި އުޅޭ ސިޓީ ކައުންސިލް މީހުނަަށް ރިޝްވަތުގެ ގޮތުގައި އެ ގޮޅިތަކުން މުދާ ލިބޭތީވެ ތިބެނީ ހައްޕު ކިޔައިގެން.