ރަޝިޔާއާއެކު އޮންނަ އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް އިންޑިއާއިން އިސްކަން ދޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ރަޝިޔާއަކީ އިންޑިޔާގެ ވިޔަފާރީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. ހަނގުރާމަ ކުރިއަށް ދިޔަނަމަވެސް ދެގަމުގެ އިގްތިސާދީގުޅުމަށް ބުރޫ ނާރާނެ ގޮތެއް ހެދުމަށް ދެ ގައުމުންވެސް ބޭނުންވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ އިގްތިސާދީ ގުޅުމަށް އިސްކަންދީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ.
ޔޫކްރެއިނުގެ ހަނގުރާމައިގެ ކުރިންވެސް އިންޑިއާއިން އަންނަނީ ރަޝިޔާއާއެކު ތެލުގެ ވިޔަފާރި ކުރަމުންނެވެ. އަދި ހަނގުރާމަ ފެށުނު ފަހުންވެސް ރަޝިޔާއިން ހެޔޮ އަގެއްގައި އިންޑިއާއަށް ތެޔޮ ވިއްކަން ފެށުމުން އިންޑިޔާއިންވަނީ ފާއިތުވި ދެހަފްތާ ތެރޭގައިވެސް 16 މިލިޔަން ފީފާގެ ތެޔޮ ގަނެފައެވެ. އިންޑިއާއިން ބުނެފައިވަނީ ހެޔޮ އަގެއްގައި ރަޝިޔާއިން ތެޔޮ ލިބޭނަމަ އިންޑިއާއިން ގަންނާނެ ކަމަށެވެ.
ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އުފެދެމުންދާ ބައިބައި ވުމުގައި އޭޝިއާގެ ގައުމު ތަކުގެ އެއްބާރުލުން ހޯދުމަށް ރަޝިޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ރަޝިޔާގެ ޚާރިޖީ ވަޒީރުވަނީ ޗައިނާ އަދި އިންޑިއާއަށް ވަޑައިގެން އެ ދެ ގައުމުގެ އިސްވެރިންނާވެސް ބައްދަލު ކުރައްވާފައެވެ.