ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިއަދު ފެށި އެފްއޭއެމް ވެޓަރެންސް ލީގުގެ ފުރަތަމަ މެޗު ހުޅުމާލެ ވެޓަރެންސް ކްލަބުން ކާމިޔާބުކޮށްފިއެވެ. ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް ހުޅުމާލެ މެޗު ކާމިޔާބުކުރީ 2-0 ނެވެ.
ފުރަތަމަ ލަނޑު ޖަހާ ހުޅުމާލެ ޓީމަށް ކުރި ހޯދައިދިނީ އަލީ ޝަމީމް ތަނަވަސްކޮށްދިން ފުރުޞަތެއްގައި މުޙައްމަދު ޒިޔާދުއެވެ. 12 ވަނަ މިނިޓްގައި އޭނާ ޖެހި ލަނޑަށްފަހު ހުޅުމާލެ ވެޓަރެންސް ކްލަބަށް ދެވަނަ ލަނޑެއް ޖަހައިދިނީ ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ މުޙައްމަދު ޖަމީލް (ޖަމްބެ)އެވެ. ހުޅުމާލެ ވެޓަރެންސް ޓީމްގެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި އިސްމާއީލް މުޙައްމަދު, އަލީ ޝަމީމް, އާފިއު މުޙައްމަދު ހަމީދު އަދި ނާފިއު މުޙައްމަދު ހަމީދު ހިމެނެއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި ވާދަކުރަނީ 7 ޓީމެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި, ދަ ގްރާންޑޭއެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.