ކ. މާލެ
|
4 އޭޕްރިލް 2022 | ހޯމަ 17:27
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް އެހެން ގައުމަކަށް ދަތުރުކުރަން މަޖުބޫރުވެފައިވާ ޔޫކްރެއިންގެ ރައްޔިތުންތަކެއް
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް އެހެން ގައުމަކަށް ދަތުރުކުރަން މަޖުބޫރުވެފައިވާ ޔޫކްރެއިންގެ ރައްޔިތުންތަކެއް
ރޮއިޓާސް
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ
ޔޫކްރެއިންގެ 2.5 މިލިއަން ރެފިއުޖީން ޕޮލެންޑަށް
ޕޮލެންޑަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ އެހެން ގައުމުތަކަށް ދަތުރުކޮށްފައި
ރުމޭނިއާ، ސްލޮވޭކިއާ އަދި ހަންގޭރީއަށްވެސް ގިނަ އަދަދެއްގެ ޔޫކްރެއިން ރެފިއުޖީން ވަނީ ހިޖުރަކޮށްފަ
ޔޫކްރެއިންގެ ރެފިއުޖީންގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިން

ހަގުރާމަ ފެށުމާ ގުޅިގެން ޔޫކްރެއިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ދަތުރުކުރި މީހުންގެ ތެރެއިން 2.5 މިލިއަން މީހުން ދަތުރުކޮށްފައި ވަނީ ޕޮލެންޑަށް ކަމަށް ޕޮލެންޑްގެ ބޯޑަރުގައި ހަރަކާތްތެރިވާ އޮފިޝަލަކާ ހަވާލާދީ ބީބީސީއިން ރިޕޯޓުކޮށްފިއެވެ.

އެއޮފިޝަލްއާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުން ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށިފަހުން މިހާތަނަށް 2،481،000 މީހުން ވަނީ ޔޫކްރެއިނުން ޕޮލެންޑަށް ހިޖުރަކޮށްފައެވެ. ޔޫކްރެއިނުން ޕޮލެންޑަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު މިހާރު އެހެން ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށްވެސް ވެއެވެ. އެގޮތުން ވޯސޯ ޔުނިވާސިޓީގެ މައިގްރޭޝަން ރިސަރޗް ޕްރޮފެސަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ޔޫކްރެއިނުން ދިޔަ ދެ މިލިއަނަށް ވުރެ ގިނަ ރެފިއުޖީންގެ ތެރެއިން މިހާރު ޕޮލެންޑުގައި ތިބީ 1.3 މިލިއަނާ 1.4 މިލިއަނާ ދެމެދުގެ އަދަދެއްގެ ރެފިއުޖީންނެވެ.

ހަނގުރާމައިގެ ފުރަތަމަ ހަފުތާތަކުގެ ތެރޭގައި އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ޕޮލެންޑުގެ ބޯޑަރު ހުރަސްކުރަމުންދިޔަ ނަމަވެސް، މިހާރު އެއަދަދު މަދުވަމުންދާ ކަމަށް ބީބީސީގައި ވަނީ ރިޕޯޓުކޮށްފައެވެ.

ޔޫކްރެއިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖުރަ ކުރި މީހުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އދ އިން ހާމަކޮށްފައިވާއިރު، މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ މީހުން ގައުމުގެ އެތެރޭގައި ވެސް ގެދޮރުދޫކޮށް އެހެން ދުރު ހިސާބުތަކަށް ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕޮލެންޑްގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ކަމަށްވާ ރުމޭނިއާ، ސްލޮވޭކިއާ އަދި ހަންގޭރީއަށްވެސް ގިނަ އަދަދެއްގެ ޔޫކްރެއިން ރެފިއުޖީން ވަނީ ހިޖުރަކޮށްފައެވެ.

ޔޫކްރެއިންގެ ރެފިއުޖީންގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް