ކ. މާލެ
|
4 އޭޕްރިލް 2022 | ހޯމަ 07:47
ސްރީލަންކާގެ ކެބިނެޓް މިނިސްޓަރުން
ސްރީލަންކާގެ ކެބިނެޓް މިނިސްޓަރުން
އޮންލަންކާ
ލަންކާގެ ހާލަތު
ސްރީލަންކާގެ 26 ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވާފައިވަނީ ކެބިނެޓުން ބޭއްވި ޖަލްސާއަކަށްފަހު

ސްރީލަންކާގެ 26 ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވައިފިއެވެ.

ކެބިނެޓުގެ ޖަލްސާއަށްފަހު އިސްތިއުފާ ދެއްވާފައިވާ މިނިސްޓަރުންގެ ތެރޭގައި ސްރީލަންކާގައި ވެރިކަން ކުރާ ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ނަމާލް ރާޖަޕަކްސަ އާއި ޗަމާލް ރާޖަޕަކްސަ ހިމެނިވަޑައިގަންނަވައެވެ. މި 26 ކެބިނެޓް މިނިސްޓަރުން އިސްތިއުފާދެއްވި ނަމަވެސް ޤާނޫނީ ގޮތުން އެނިންމުން ބަލައިގަނެވޭނީ އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުންނެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަން ބޮޑުވަޒީރުގެ މީޑިޔާ ސެކެޓްރީ ވަނީ ކަށަވަރުކޮށްދީފައެވެ.

އިގްތިސާދު އިނދަ ޖެހި، އާންމު ރައްޔިތުން ގިނަ ވަގުތު ކަރަންޓާއި ނުލާ އަނދިރިކަމުގައި އުޅެން ޖެހުމުން ރުޅި ގަދަވެ އެތައް ހާސް ބަޔަކުވަނީ ކޮލަމްބޯގެ އެކި ސަރަހައްދުތަކުން މުޒާހަރާއަށް ނުކުމެފައެވެ.

ކާފިއު އިއުލާންކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވަކި ގޮތެއް އަންގަންދެން ބައެއް އަވަށްތަކުގައި ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންނާއި ކުރިމަތިލައި، އެޤައުމުގެ ރައީސްގެ އިސްތިއުފާއަށްވެސް ގޮވާފައެވެ. އަދި ފުލުހުންގެ ބައެއް ވެހިކަލްތަކުގައި އަލިފާން ރޯކޮށްފައިވާ ވީޑިއޯއެއްވެސް ސޯޝަލް މީޑިޔާގައިވަނީ އާންމުވެފައެވެ.

ގައުމުގެ އިގްތިސާދު ދަށަށް ގޮސް ތެލާއި، މުދާ އެތެރެކުރުމަށް ވަނީ ދަތިވެފައެވެ. ތެޔޮ ލިބުމުގެ ދަތިކަމާއެކު 13 ގަޑިިއިރު ކަރަންޓުވަނީ ކަނޑާލާފައެެވެ. ހޮސްޕިޓަލްތަކުގައި އޮޕަރެޝަންތައް ހުއްޓި ބައެއް ބޭސް ހުސްވެފައިވާކަމަށްވެެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ ސަރުކާރުން އަންނަނީ މި އަޑިގަނޑުން އަރައިގަތުމަށް ޗައިނާ އަދި އިންޑިޔާގެ އެހީއަށް އެދެމުންނެވެ. އިންޑިޔާ އަދި ޗައިނާއިން 1.5 ބިލިއަން ޑޮލަރުގެ ލޯން އެހީ ދިނުމަށް ހުށައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑިޔާ އިން ވަނީ ފަހުން ފައިސާ ދައްކާ ގޮތަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސްރީލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.

- ކޮމެންޓް