ރޯދަމަހު މާލޭގައި ހަދަން ނިންމާފައިވާ ވަގުތީ ދެ މާރުކޭޓުގެ ތެރެއިން ރަސްފަންނު ޕާކިން ޒޯންގައި ހަދާ މާރުކޭޓު އެތަނުގައި ނުހަދާގޮތަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ އެ ސަރަޙައްދުގައި ޕާކް ކުރުމަށް ދަތިވާކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބެމުން އައި ޝަކުވާތަކާ ގުޅިގެންކަމަށެވެ. މި ބަދަލާއި އެކު ސިޓީ ކައުންސިލުން މި ވަގުތީ މާރުކޭޓު ހެދުމަށް އިތުރު ސަރަޙައްދެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ސިޓީ ކައުންސިލުން ބުނީ މިވަގުތަށް އެކަށީގެންވާ ރަނގަޅު ސަރަޙައްދެއް ހަމަ ނުޖެހިއްޖެނަމަ މާލޭގައި ރޯދައަށް ހަދަން ނިންމި ވަގުތީ ދެ މާރުކޭޓުގެ ބަދަލުގައި ހަދާނީ އެއް މާރުކޭޓުކަމަށެވެ.
ރޯދަމަހަށް ޚާއްސަކޮށް މާލޭގައި ވަގުތީ މާރުކޭޓު ހަދަން ކުރިން ނިންމީ ދަރުބާރުގެ ސަރަޙައްދުގައި އަދި ރަސްފަންނު ޕާކިން ޒޯން ހިމެނޭ ސަރަޙައްދުގައެވެ. މީގެ އިތުރުން ވިލިމާލޭގައި އެއް މާރުކޭޓު ރޯދައަށް ޚާއްސަކޮށް ހަދަންވަނީ ނިންމާފައެވެ.
މާލެ ސިޓީ ކައުންސިލުން ރޯދައަށް ވަގުތީ މާރުކޭޓް އަޅަން ނިންމާފައިވަނީ ރޯދަމަހު ބާޒާރުމަތީގައި ތޮއްޖެހުން އިތުރުވެ ކާބޯތަކެތި ގަތުމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސް ދިނުމަށްޓަކައެވެ.