ކ. މާލެ
|
31 މާރޗް 2022 | ބުރާސްފަތި 20:29
ބައެއް ވަކީލުން ހުވާކުރެއްވުމުގެ ތެރެއިން
ބައެއް ވަކީލުން ހުވާކުރެއްވުމުގެ ތެރެއިން
ފޭސްބުކް
ބާރ އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވާލުން
ބާރ އިމްތިހާނުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމަށް ހުޅުވާލައިފި
ރެޖިސްޓަރ ވުމުގެ ފުރުސަތު، 15 އޭޕްރީލް 2022 ގެ ދަންވަރު 12:00 ނިޔަލަށް ވަނީ ހުޅުވާލާފައި

25 ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާރ އިމްތިޙާނުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ބާރ އިމްތިޙާނުގައި ބައިވެރިވުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާރ އިމްތިޙާނުގައި ރަޖިސްޓަރީވިކަމަށް ބަލާނީ ލިންކު މެދުވެރިކޮށް ބާރ އިމްތިހާނުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ކެންޑިޑޭޓު ނަންބަރު، އިމްތިޙާނުގައި ބައިވެރިވާ ފަރާތަށް ލިބުމުންނެވެ. ބާރ ކައުންސިލުން ބުނީ ބާރ އިމްތިޙާނުގެ ފީ ދައްކަންޖެހޭނީ އެޕްލިކޭޝަން ހުށަހެޅުމަށްފަހު ރެޖިސްޓްރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަވީކަން ކެންޑިޑޭޓަށް ބާރ ކައުންސިލުން އަންގައި، ފީ ދައްކަންވީ ގޮތުގެ އިރުޝާދުތައް ލިބުމުންކަމަށެވެ.

ރެޖިސްޓްރޭޝަން ޑެޑްލައިން އަކީ 15 އޭޕްރީލް 2022 ގެ ދަންވަރު 12:00އެވެ.  

ބާރ އިމްތިހާނުގެ ފީގެ ގޮތުގައި ކެންޑިޑޭޓުން ދައްކަންޖެހޭނީ 10،000ރުފިޔާއެވެ. ބައިވެރިން އިމްތިހާނަށް ތައްޔާރުވުމަށް ލިބިފައިވާ ވަގުތަކީ މިފަދަ ކަމަކަށް މާލީގޮތުން ތައްޔާރުވުމަށް އެންމެ އެކަށީގެންވާ މުއްދަތެއްކަމަށް ނުވުމުގެ ފުރުސަތު އޮތުމާއެކު، އިމްތިހާނުގެ ބައިވެރިންނަށް ދެވޭ ލުޔެއްގެ ގޮތުން މިއަހަރު އިމްތިހާނު ބޭއްވުމަށް ހިނގާ ޚަރަދުގެ 50 އިންސައްތަ ޒިންމާ އުފުލާނީ ބާރ ކައުންސިލުން ކަމުގައި އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އިމްތިހާނުގެ ބައިވެރިންގެ އަތުން އިމްތިހާނުގެ ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ އިމްތިހާނަށް ކޮށްފައިވާ ޚަރަދުގެ 50 އިންސައްތަ ކަމުގައިވާ, އިމްތިހާނުގެ ކޮންމެ ބައިވެރިއަކަށް އެވްރެޖްކޮށް 10,000 ރުފިޔާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން, ބާރ އިމްތިހާން ފުރިހަމަކުރުމުން ނޫނީ ގާނޫނީ ވަކީލު ކަމުގެ ހުއްދައެއް ނުލިބޭނެއެވެ. ނަމަވެސް އިމްތިހާނަށް ގިނަ ދުވަސްތަކެއް ވަމުންދާތީ, ގާނޫނަށް އިސްލާހު ގެނެސް, ފަހުން ނިންމާފައިވަނީ ބާރ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަކުރުމަށްފަހު ހުއްދަ ދިނުމަށެވެ.

އިމްތިހާން ފީއާމެދު ގިނަ ގާނޫނީ ވަކީލުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމަށް ހައްލެއް ގެނައުމަށް އެމްއެންޕީ އިން ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

- ކޮމެންޓް