ކ. މާލެ
|
31 މާރޗް 2022 | ބުރާސްފަތި 14:33
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޗެމްޕިއަންކަން ތިމަރަފުށިން ކާމިޔާބުކުރުން
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޗެމްޕިއަންކަން ތިމަރަފުށިން ކާމިޔާބުކުރުން
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022
ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ދިފާއުކޮށްފި
ތިމަރަފުށިން މުބާރާތް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން
މިއީ ތިމަރަފުށިން މުބާރާތް ކާމިޔާބުކުރި 3 ވަނަ ފަހަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ތ.ތިމަރަފުށިން ދިފާއު ކޮށްފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޗެމްޕިއަންކަން ތިމަރަފުށިން ކާމިޔާބުކުރީ ފައިނަލް މެޗުގައި ކ. ގާފަރުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ ތިމަރަފުށިން މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެފަހަރުވެސް މުބާރާތް ކާމިޔާބުކުރީ ތިމަރަފުށިންނެވެ. އޭގެ ފަހުން ކޮވިޑުގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މި މުބާރާތް ކުރިއަށް ނުގެންދެވުނެވެ. ތިމަރަފުށިން ޖުމްލަ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ތިމަރަފުށިން ދެލަނޑު ޖަހާ ރަނގަޅު ލީޑެއް ހޯދިއެވެ. ފުރަތަމަ ލަނޑަކީ ގާފަރުގެ އަލީ މާއިޝް މައްޓުގެ ގައިގައި ޖެހިފައި ބައކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު ތިމަރަފުށްޓަށް ކާމިޔާބުކޮށްދިނީ އާދަމް ނާސިހު (އާދަންނާ) އެވެ.

މިއާއެކު ގާފަރުން ކުޅުިން ރަނގަޅުކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ދެލަނޑު ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. ގާފަރުގެ ފުރަތަމަ ލަނޑު އަޒްޔާން އިބްރާހިމް ކާމިޔާބު ކުރިއިރު، ދެވަނަ ލަނޑު ޖަހައިދިނީ މައްޓުއެވެ. މިއާއެކު މެޗުގެ ނަތިޖާ ނެރުނި ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ތިމަރަފުށީގެ އިސްމާއިލް ސިޔާދު ޖެހި ބޯޅަ ބޭރަށް ދިޔައިރު، ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ)، އާދަންނާ، އިބްރާހިމް ހަމްދާން އަދި އިބްރާހިމް އަސްވަދު (ގަބޭ) ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ގާފަރުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ސާމިން މުހައްމަދު ނަސީރު، މައްޓުއެވެ. އެޓީމުގެ ސަނީމް ސަމާއިލް އާއި އަޒްޔާން ޖެހި ޕެނަލްޓީ ނާކާމިޔާބުވީއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ އެންމެ މޮޅު ކުޅުންތެރިޔާ އިބްރާހިމް އަސްވަދު (ގަބޭ) - ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުބާރާތުގެ ފުޓްސަލް ކިންގުގެ މަގާމު ހާސިލްކުރީ ތިމަރަފުށީ ޓީމުގެ ގަބޭއެވެ. ގަބޭ ބުނީ މުބާރާތް ކާމިޔާބު ކުރެވުނީ ތިމަރަފުށްޓާއި އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައި ކަމަށެވެ. އަދި ޖެހިޖެހިގެން ދެވަނަ ފަހަރު މުބާރާތް ކާމިޔާބު ކުރުމުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރު ގަބޭ ފާހަގަކުރިއެވެ. އަދި ތަފާތު މޮޅެތި ޓީމުތަކަކާއި ވާދަކޮށް މުބާރާތް ކާމިޔާބުކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ގަބޭ ބުންޏެވެ.

މުބާރާތާއި ގުޅޭގޮތުން ތިމަރަފުށީ ޓީމުގެ ކެޕްޓަން ސިނާ ބުނީ މިއީ ދެމަސްދުވަހު ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިއަންނަ އަހަރު ނުކުންނާނީ ތަށި މިލްކު ކުރަން ކަމަށް ވާތީ ރަށާއި އަތޮޅުގެ ފަރާތުން މިހާރު ލިބެންމުން އަންނަ ސަޕޯޓް މިއަންނަ އަހަރުވެސް ލީބޭނެކަމަށް އުންމީދު ކުރާ ކަމަށް ސިނާ ބުންޏެވެ.

މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ގަބޭގެ އިތުރުން ހިމެނުނީ ސިނާ އާއި ގާފަރުގެ މައްޓު އާއި ފައިއްޓެގެ އިތުރުން ދ. ކުޑަހުވަދޫ ޓީމުގެ ޖުމައިލް ޖަލީލް (ޖުމްބެ) އެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ތިމަރަފުށީ ޓީމުގެ ކޯޗު އަލީ ފަހުމީ (އައްޔަ)އެވެ. ފެއަރ ޕްލޭ ޓީމަކީ ށ.ކަނޑިތީމެވެ. އެންމެ މޮޅަށް ސަޕޯޓްކުރި ޓީމަކަށް އއ. މަތިވެރިއެވެ.

- ކޮމެންޓް