މާލެ ސިޓީ ކައުންސިލުން ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލް އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއެވެ. އަދި ޑަޗް ޑޮކްލޭންޑްސް އިންޓާރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕްއެވެ. މިސޮއިކުރެވުނު އެމްއޯޔޫ އަކީ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫޢު އާއި ގުޅޭ އެމްއޯޔޫއެކެވެ. މި އެމްއޯޔޫގެ ބޭނުމަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މަސައްކަތްކުރުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މިކަމާއި ގުޅޭގޮތުން މޭޔަރު ޑރ މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމަކަށް އެމަނިކުފާނާއި މިހާރުގެ ކައުންސިލުން މަރުޙަބާ ކިޔާނެ ކަމަށެވެ. މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތަށް ހޯދައިދިނުންކަން މި އެމްއޯޔޫއިންވެސް ދޭހަވެގެންދާކަމުގައެވެ.
މާލޭގެ އުތުރުން އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ތަރައްގީކުރާ މި ފްލޯޓިންގ ސިޓީގައި، 5،000 ގޯއްޗާއި، ސްކޫލާއި، ހޮސްޕިޓަލާއި މޯލްގެ އިތުރުން އޮފީސްތައް ވެސް ހެދިގެންދާނެއެވެ. އަދި މިސިޓީ ކައިރީގައި ފަސް ތަރީގެ ދެ ރިސޯޓާއި، ޔޮޓު މެރީނާއެއް ވެސް ހަދަންވަނީ ނިންމާފައެވެ. "މޯލްޑިވްސް ފްލޯޓިން އައިލެންޑްސް"ގެ ނަމުން ނަންދީފައިވާ މިސިޓީއަކީ ތިމާވެއްޓާ ރައްޓެހިކޮށް ތަރައްގީ ކުރުމަށް ފަރުމާ ކޮށްފައިވާ ސިޓީއެކެވެ.
މި މަޝްރޫއު ނިމޭއިރު ގެތަކުގެ އެތެރެ ޑިޒައިން ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާނެއެވެ. އަދި ސޯޝަލް ހައުސިންގ ގަންނަން ލިބޭ އަގުތަކުގައި މިގެތައް ގަންނަން ލިބޭނެކަމަށާއި، ދިގު މުއްދަތަކަށް ލޯން ދައްކައިގެން ގެތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މާލެއިން 10 މިނެޓުން ދެވޭގޮތަށް ހަދާ މިސިޓީއާ މާލެއާ ދެމެދު ދަތުރުކުރުމަށް ރަނގަޅު ފެރީގެ ނިޒާމެއް ހަމަޖައްސާއިރު ފެރީގެ ގޮތުގައި ވެސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް އުޅަނދުތަކެކެވެ. އަދި ސިޓީގެ އެތެރޭގައި އިލެކްޓްރޯނިކް ބައެއް އުޅަނދުތައް ދުއްވުމުގެ އިންތިޒާމްތަކާއި މޫދު އުޅަނދުތައް ވެސް ހުންނާނެއެވެ. މި މަޝްރޫއުގެ ދަށުން, ޔޮޓް މެރީނާ އަދި ރިސޯޓު ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެ ތަންތަނަށް އަންނަ ފަތުރުވެރިންނަށް ވެސް އެ ސިޓީގައި ތިބުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ.
ބިލިޔަން ޑޮލަރުގެ ފްލޯޓިންގ ސިޓީ އަޅާއިއިރު މުޅިން ވެސް ބޭނުންކުރާނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތްތަކެކެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލުކޮށްލުމުގެ މަގުސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާއިރު، މުޅި ސިޓީގެ މަސައްކަތް 7 އަހަރު ދުވަހުން ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.
މޯލްޑިވްސް ފްލޯޓިންގ ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ 46 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.