ޗައިނާ އާއި ރަޝިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެގައުމުގެ ފޮރިން މިނިސްޓަރުން މަަޝްވަރާކުރައްވައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގ ޔީ ވަނީ ބުދަ ދުވަހު ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯވް އާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ޗައިނާގެ ފޮރިން މިނިސްޓަރު ޔީ ވަނީ ޗައިނާ އާއި ރަޝިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެގައުމުގެ ދެމެދު އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުުރުން ދެގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދެ މިނިސްޓަރުންވެސް ވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިއާ އާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ކުއްވެރިކުރައްވާފައެވެ.
ރަޝީއާ އާއި ޗައިނާގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވާފައި މިވަނީ ޗައިނާގެ އިރުމަތީ ޕްރޮވިންސް އެއްކަމަށްވާ އަންހުއި ގައެވެ. ޗައިނާ އިން ދަނީ އެ ޕްރޮވިންސްގައި އަފްގާނިސްތާނުގެ މައްސަލައާ ގުޅިގެން ވެސް މަލްޓިލެޓެރަލް ބައްދަލުވުންތަކެއް ބާއްވަމުންނެވެ.