އޭޝިއާގެ ކޮވިޑް-19 ކޭސްތަކުގެ އަދަދު 100 މިލިއަނަށްވުރެ މައްޗަށް އަރާފައިވާކަމަށް ރޮއިޓަރސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ މީޑިއާއިން އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު އޭޝިއާގެ ކޮވިޑް-19 ކޭސްތަކުގެ އަދަދު ވަނީ 100 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އަދި މިއީ ބީއޭ.2 އޮމިކްރޮން ސަބްވޭރިއަންޓާއެކު އެސަރަހައްދުގައި ކޭސްތައް އިތުރުވާންފެށުމުން ކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.
އޭޝިއާގައި މިހާރު ކޮންމެ ދެ ދުވަހަކުން އެއް މިލިއަން ކޮވިޑް ކޭސް ރިޕޯޓުކުރާކަމަށް ރޮއިޓަރސްއިން ވަނީ ބުނެފައެވެ. އެގޮތުން ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ދުނިޔެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ 21 އިންސައްތަ ހިއްސާކުރަނީ އޭޝިއާއިންނެވެ.
ބީއޭ.2 އޮމިކްރޮން ސަބްވޭރިއަންޓާއެކު ދެކުނު ކޮރެއާ، ޗައިނާއާއި ވިއެޓްނާމްގެ ކޭހުގެ އަދަދު ވަނީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނަނީ މިހާރު ފެންނަމުންދާ ކޭސްތަކުގެ 86 އިންސައްތައަކީ ބީއޭ.2 އޮމިކްރޮން ސަބްވޭރިއަންޓްގެ ކޭސްތައްކަމަށެވެ.
ރޮއިޓަރސްގެ މައުލޫމާތުތައް ދައްކާގޮތުން މިހާރު ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން ދަނީ ދެކުނު ކޮރެއާއިންނެވެ. އެގޮތުން ކޮންމެ ދުވަހަކު މުޅި ދުނިޔެއިން ކޮވިޑަށް ޕޮޒިޓިވްވާ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ ދެކުނު ކޮރެއާއިން ޕޮޒިޓިވްވާ މީހެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ދެކުނު ކޮރެއާގެ ކޮވިޑް ކޭސްތައް މާޗު މަހު، މަޑުމަޑުން ދަށަށް ދާން ފަށާފައިވީ ނަމަވެސް މިހާރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ކޮވިޑްގެ 300 މަރު އެގައުމުން ރިޕޯޓުކުރަމުންދާކަމަށް ރޮއިޓަރސްގައި ވަނީ ރިޕޯޓުކޮށްފައެވެ.
ޗައިނާއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ރާޅަކީ މިހާތަނަށް އެގައުމަށް ކުރިމަތިވި، މިބަލިމަޑުކަމުގެ އެންމެ ބޮޑު ރާޅެވެ. އެގޮތުން ޝަންގހާއީގައި ބީއޭ.2 އޮމިކްރޮން ސަބްވޭރިއަންޓާއެކު ކޮވިޑް ކޭހުގެ އަދަދު ވަނީ ކޮންޓްރޯލް ކުރަން އުނދަގޫ ވަރަކަށް އިތުރުވާން ފަށާފައެވެ. ކޭސްތައް އިތުރުވެ ޝަންގހާއީ ވަނީ ލޮކްޑައުންކޮށްފައެވެ.
މިއަހަރު ފެށިގެން މިވީ މުއްދަތުގެ ތެރޭގައި ޗައިނާއިން ވަނީ 45،000ށް ވުރެ ގިނަ ކޮވިޑް ކޭސް ރިޕޯޓުކޮށްފައެވެ. މިއީ 2021 ވަނަ އަހަރު އެގައުމުން ރިޕޯޓުކުރި އަދަދަށްވުރެ ވަރަށް ބޮޑުތަނުން އިތުރު އަދަދެކެވެ. އެގައުމުގެ އާބާދީގެ 90 އިންސައްތަ މީހުން ކޮވިޑް ވެކްސިން ޖަހާފައި ވީނަމަވެސް އުމުރުން ދުވަސްވީ އާބާދީގެ މީހުންނަށް އެކަށީގެންވާ ވަރަށް ބޫސްޓަރ ޑޯޒް ޖެހިފައި ނުވާކަމަށް އެނަލިސްޓުން ފާހަގަކުރެއެވެ.
މިހާތަނަށް ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ ތެރެއިން 43 މިލިއަނަށް ވުރެ ގިނަ ކޮވިޑް ކޭހަކީ އިންޑިއާއިން ރިޕޯޓުކޮށްފައިވާ ކޭސްތަކެވެ. މިއީ ދެން އެންމެ ބޮޑަށް ކޮވިޑްގެ އަސަރު ކޮށްފައިވާ ތިން ގައުމު ކަމަށްވާ ޖަޕާން، ދެކުނު ކޮރެއާ އަދި ވިއެޓްނާމްގެ ޖުމްލަ ކޭހުގެ އަދަދަށްވުރެ ވެސް އިތުރު އަދަދެކެވެ. ފާއިތުވި 11 ދުވަހު ދުވާލެއްގެ މައްޗަށް އިންޑިއާއިން ރިޕޯޓުކޮށްފައި ވަނީ 2،000 އެއްހާ ކޮވިޑް ކޭހެވެ. ނަމަވެސް މިއަހަރު ފެށުނުއިރު، ޖެނުއަރީ މަހު އެގައުމުން ވަނީ ދުވާލެއްގެ މައްޗަށް 300،000ށްވުރެ ގިނަ ކޮވިޑް ކޭސް ރިޕޯޓުކޮށްފައެވެ.
މާޗު މަހުގެ ކުރީކޮޅު އޭޝިއާއިން ރިޕޯޓުކޮށްފައި ކޮވިޑް-19ގެ މަރުގެ އަދަދު ވަނީ އެއް މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.
ކޮވިޑް-19ށް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކުން ބީއޭ.2 އޮމިކްރޮން ސަބްވޭރިއަންޓަށް މާބޮޑު ރައްކާތެރިކަމެއް ފޯރުކޮށްނުދޭކަމަށް ދިރާސާތަކުން ދައްކައެވެ. އެއް ފަހަރު ކޮވިޑް ޖެހިފައި ތިބި މީހުންނަށްވެސް އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން ކޮވިޑް ޖެހޭ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.