ކ. މާލެ
|
30 މާރޗް 2022 | ބުދަ 11:07
އީދު ނަމާދު
އީދު ނަމާދު
އިސްލާމިކް މިނިސްޓްރީ
ދިވެހި ހާފިޒުން
ދިވެހި ހާފިޒުންނަށް ތަރާވީސް ކުރާ ކޮންމެ ރެޔަކަށް 500 ރުފިޔާގެ އެލަވަންސެއް
މީގެ ކުރިން ދިވެހި ހާފިޒުންނަށް ދެމުން އައީ 400 ރުފިޔާގެ އެލަވަންސެއް

ދިވެހި ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ތަރާވީސް ކުރާ ކޮންމެ ރެޔަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވަނީ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރުމަށްޓަކައި އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށާއި ބޭރުން ހާފިޒުން ގެނައުމުގެ އިންތިޒާމް ހަމަޖައްސާ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ރާއްޖެއެމްވީއާއި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީގެކުރިން ދިވެހި ހާފިޒުންނަށް ދެމުން އައީ 400 ރުފިޔާގެ އެލަވަންސެއް ކަމަށެވެ. އަދި މިއަހަރުގެ ރަމަޟާން މަހުން ފެށިގެން އެ އަދަދު 500 ބޮޑު ކުރަން ނިންމީ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭރުން ގެންނަ ހާފިޒުންނަށް މިނިސްޓްރީން ދިނުމަށް ނިންމާފައިވަނީ 200 ރުފިޔާގެ އެލަވަންސެއް ކަމަށެވެ.

ރާއްޖެއިން ބޭރުން ހާފިޒުން ގެންނަނީ ދިވެހި ހާފިޒުން ބޭނުންވާ ވަރަށް ނުލިބޭތީކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ތަރާވީސް ނަމާދު ކުރުމަށް ތައްޔާރުވާ ޕްރޮގްރާމެއް ރާވާފައިވާ ކަމަށާއި މި އަންނަ ރަމަޟާން މަހަށް ދިވެހި ހާފިޒުން ތަމްރީނު ކުރުމުގެ މި ޕްރޮގްރާމު ފެށިގެންދާނެ ކަމަށެވެ.

އިސްލާމިކް ސެންޓަރުތަކުގައި ސެންޓަރެއްގައި ތަރާވީސް ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ސެންޓަރުތަކަކީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތާއި އުނގޫފާރު އިސްލާމިކް ސެންޓަރާއި ތިނަދޫ އިސްލާމިކް ސެންޓަރުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޮފީސްތަކަށް އަމާޒުކޮށްގެން ޤުރުއާން މުބާރާތެއް ވެސް ކުރިއަށްގެންދާނެ ކަމަށާއި ރަމަޟާން މަހުގެ ދެވަނަ ދުވަހު މިމުބާރާތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.  

ދީނީ ބައެއް ފޮތްތައް ބެހުމަށް ހަމަޖެހިފައިވާއިރު އަސުރު ނަމާދަށްފަހު މާލެސިޓީގެ ހަތް މިސްކިތެއްގައި ދަރުސް ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދީނީ މައުލޫމާތު ފޯރުކޮށްދިނުމާއި ރަމަޟާން މަހު ފަސޭހައިން އަޅުކަން ކުރުމުގެ އިންތިޒާމް ހަމަޖެއްސުން ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

- ކޮމެންޓް