ކ. މާލެ
|
30 މާރޗް 2022 | ބުދަ 11:11
އުމަރު ސީރީޒް
އުމަރު ސީރީޒް
އައިއެމްޑީބީ
އުމަރު ސީރީޒް
މިފަހަރުގެ ރަމަޟާން މަހު ވެސް އުމަރު ސީރީޒް
 
މި ސީރީޒްގެ އެޕިސޯޑެއް ކޮންމެ ރެޔަކު ރޯދަ މަސް ނިމެންދެން ގެނެސްދޭނެ

މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރު ބިން ޚައްޠާބުގެ ހަޔާތްޕުޅުގެ މައްޗަށް ހަދާފައިވާ ސީރީޒްކަމުގައިވާ "އުމަރު ސީރީޒް"ގެ ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ގަނެ އެސީރީޒް ދައްކަން ފެށީ މިދިޔަ އަހަރުގެ ރަމަޟާން މަހުގައެވެ. މި ސީރީޒަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ވަރަށް ގިނަ އާންމު ރައްޔިތުން ވަނީ މިސީރީޒް ރާއްޖެޓީވީން ވިއްކާތޯ ނުވަތަ އެޕިސޯޑުތައް ވިއްކާތޯ ވެސް އަހާ، ސުވާލުކޮށްފައެވެ. މީގެން ވެސް އެނގިގެން ދިޔައީ އާންމުންގެ ޝައުޤުވެރިކަން މި ސީރީޒަށް ލިބިފައިވާ މިންވަރެވެ.

ރާއްޖެޓީވީން މިވަނީ މިފަހަރުގެ ރަމަޟާން މަހުގެ ކޮންމެ ރެޔަކު 10:15ން ފެށިގެން މިސީރީޒްގެ އެޕިސޯޑެއް ކޮންމެ ރެޔަކު ރޯދަ މަސް ނިމެންދެން ގެނެސްދިނުމަށް ނިންމާފައެވެ. މިއީ ހަމަ ޤައިމުވެސް އާންމުންނަށް ވަރަށް އުފާވެރި ޚަބަރަކަށްވެގެންދާނެއެވެ. ރާއްޖެޓީވީން މި ސީރީޒް ގެނެސްދިނީ މިސީރީޒް ދިވެހި ބަހުން ޑަބްކޮށްގެންނެވެ. މި ސީރީޒްގައި ރާއްޖެޓީވީގެ މުވައްޒަފުންނާއި ބައެއް ފިލްމީ ފަންނާނުން ވަނީ ޑަބްކޮށްފައެވެ.

އުމަރު ސީރީޒްއަކީ ގަތަރު ޓީވީގެ އުފެއްދުމެކެވެ. ގަތަރު މީޑިޔާ އެޖެންސީ (ގަތަރު ޓީވީ) އާއި މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަރާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އުފައްދާފައިވާ މިސީރީޒްއަކީ އަރަބް ޕްރޮޑަކްޝަނަކުން މިހާތަނަށް އުފެއްދި އެންމެ ބޮޑު ޕްރޮޑަކްޝަން ކަމަށް މިޑްލް އީސްޓް ބްރޯޑްކާސްޓިން ސެންޓަރުން ވަނީ ބުނެފައެވެ. މިސީރީޒްގައި 30،000 އެކްޓަރުން ހަރަކާތްތެރި ވެފައިވާއިރު 10 ގައުމަކުން ޓެކްނިކަލް ޓީމުތައް ވަނީ ބައިވެރިވެފައެވެ.

މިސީރީޒްގެ ޑައިރެކްޓަރު ބުނެފައިވަނީ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކުރިމަތިވިކަމަކީ މައްކާގެ އޭރުގެ މަންޒަރުތައް ގެނެސްދިނުން ކަމަށެވެ. އަދި އެންމެ ދުވަހެއްގެ ޝޫޓިންއަށް ވެސް 500 އެކްޓަރުން އެންމެ މަދުވެގެން ބޭނުންވި ކަމަށް ވަނީ ބުނެފައެވެ. އެދުވަސްވަރު ހިނގާފައިވާ ގިނަ ހަނގުރާމަތަކެއްވެސް މިސީރީޒްގައި ހިމެނެއެވެ. އެންމެ ފުރަތަމަ މިސީރީޒް ދައްކާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެއަހަރުގެ ރަމަޟާން މަހުއެވެ. 200 މިލިއަން ސައުދީ ރިޔާލުގެ ބަޖެޓަކުން ހަދާފައިވާ މިސީރީޒް ޝޫޓުކޮށްފައިވަނީ މޮރޮކޯގައެވެ.

އެކި ފަރާތްތަކުން މިސީރީޒް އެކި ބަހުން ޑަބްކޮށްގެން މިހާތަނަށް ގެނެސްދީފައިވާއިރު އިނގިރޭސި ބަހުން ސަބްޓައިޓަލް އަރުވައިގެން ޔޫޓިޔުބަށްވެސް މިސީރީޒް ވަނީ އަޕްލޯޑްކޮށްފައެވެ. މިހާތަނަށް އައިއިރު 10 ގައުމެއްގެ ޓީވީ ސްޓޭޝަންތަކުން އެގައުމުތަކުގެ ރަސްމީ ބަހުން ޑަބްކޮށްގެން މިސީރީޒް ގެނެސްދީފައިވެއެވެ. އޭގެތެރޭގައި ތުރުކީ، އިންޑޮނީޝިޔާ، އިރާން އަދި މިސްރު ހިމެނެއެވެ. ރާއްޖޭގައި މިއީ ދިވެހި ބަހުން ޑަބްކޮށްގެން މިސީރިޒް ގެނެސްދޭ ފުރަތަމަ ފަހަރެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މިސީރިޒްގައި އުމަރުގެފާނު އިސްލާމްވުމުގެ ކުރީގެ ހާދިސާތަކުން ފެށިގެން ޝަހީދުކޮށްލުމާއި ހަމައަށް ގެނެސްދީފައިވެއެވެ. އެގޮތުން އުމަރުގެފާނު މައްކާގައި ހޭދަކުރެއްވި ދުވަސްވަރާއި ރަސޫލާ(ޞ) ސުވަރުގެ ވަޑައިގެންނެވުމާއި މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ޚަލީފާކަމުގައި ހިނގާދިޔަ ކަންތައްތައްވެސް މިސީރީޒްގައި ގެނެސްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
0%
50%
ކޮމެންޓް