އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލަންޑަނަށް ކުރައްވާ ދަތުރުގައި ރަތްދޫލައިގެ މަރުޚަބާއެއް ކިޔުމަށް ލަންޑަންގެ މޭޔަރު ސާދިގް ޚާން ދެކޮޅު ހައްދަވައިފި އެވެ.
ޗެނަލް ފޯއަށް ދިން އިންޓަވިއުއެއްގައި ސާދިގް ވިދާޅުވީ ޓްރަމްޕަކީ މުޅި އިނގިރޭސިވިލާތުގެ ރޫހާ ހިލާފުވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަށް ރަތްދޫލައިގެ މަރުޚަބާއެއް ކިޔަން ނުޖެހޭ ކަމަށެވެ.
ޓްރަމްޕް އާއި ސާދިގްއާ ދެމެދު މައްސަލަތައް ގޯސްވެފައި ވަނީ ލަންޑަންގައި ދާދި ފަހުން ދިން ޓެރެރިސްޓް ހަމަލާ އަށް ފަހު، ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ސާދިގު ވިދާޅުވި ވިދާޅުވުމަށް ޓްރަމްޕް ފާޑުވިދާޅުވުމުންނެވެ.
އެހެންނަމަވެސް ސާދިގު ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު އޭނާ މަސައްކަތްކުރެއްވީ ފުލުހުންނާއެކުގައި ކަމަށާއި، ޓްރަމްޕްކުރައްވާ ޓްވީޓްތަކަށް ޖަވާބު ދިނުމަށް އޭނާއަށް އެއްވެސް ވަގުތެއް ނެތް ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ، ރަނގަޅު ގުޅުމެއް އޮންނަ މީހުން ތިބޭނީ އަބަދުވެސް ކަމެއް ދިމާވާ އިރު އެއްބާރުލުން ދޭން ކަމަށާއި، އެހެންނަމަވެސް އެކަން ޓްރަމްޕްގެ ފަރާތްޕުޅުން އޭނާ އަށް ފެނިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި އިނގިރޭސިން ކުރާ ކޮންމެ ކަމަކާ ޓްރަމްޕް ދެކޮޅު ހައްދަވާތަން ފެންނަ ކަމަށް ވެސް ސާދިގު ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕާއި ސާދިގުއާ ދެމެދު މައްސަލަ ގޯސްވެފައިވާއިރު، އެކަމާ ގުޅިގެން ނޫސްވެރިން ދެ ފަހަރެއްގެ މަތިން އިނގިރޭސި ވިލާތުގެ ޕްރައިމް މިނިސްޓަރު ޓެރިސާ މޭއާ ސުވާލު ދެންނެވުމުން ވެސް ޖަވާބު ދެއްވަން ވަނީ ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް ތިންވަނަ ފަހަރަށް ސުވާލު އަމާޒުކުރެއްވުމުން އެކަމަނާ ވިދާޅުވީ ސާދިގު އޭނާގެ މަސައްކަތް ވަރަށް ފުރިހަމާއެކު ކުރައްވަމުން ގެންދަވާ ކަމަށާއި، އިތުރަށް އެވާހަކަ ދައްކަންޖެހިއްޖެ ނަމަ ގޯސްވެދާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ލަންޑަންގައި ދިން ބޮމުގެ ހަމަލާގައި ހަތް މީހުން މަރުވެފައިވާއިރު، 48 މީހުން ވަނީ ޒަހަމްވެފައެވެ.