ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ދެމުންދާ ޚިދުމަތްތަކުގެ އަގު ބޮޑުނުކުރާނެ ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އަގުތައް އުފުލެމުންދާއިރު، ކުރިއަށް އޮތްތަނުގައި ތެލުގެ އަގު އަދިވެސް ބޮޑުވާނެ ކަމަށް ވަނީ ބެލިފައެވެ. މިހާރު ވެސް ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 112 ޑޮލަރުން މަތީގައެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ވަރަށް ގިނަ އަދަދެއްގެ ވެހިކަލް ބޭނުންކުރާ ކަމަށެވެ. އަދި ތެލު އަގުބޮޑުވުމާއި ގުޅިގެން ކުންފުނީގެ ހަރަދު ވެސް ބޮޑުވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމްޕީއެލުން ދެމުންދާ ޚިދުމަތްތަކުގެ އަގަށް ބަދަލު ގެންނަން ނިންމާފައިނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކުރިއަށް އޮތީ ރޯދަ މަހަށްވުމާއެކު އަގަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ.
މީގެ އިތުރުން ޝާހިދު ވަނީ އެމްޕީއެލްއަށް ދިމާވެފައިވާ ދަތިކަމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އިޝާރާތް ކުރެއްވީ މާލޭގެ ކޮމަޝަލް ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށެވެ. ޝާހިދު ވިދާޅުވީ ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެވިގެން މިހާރު ހުޅުމާލެއިން ވަގުތީ ބިމެއް ހަމަޖެހިފައިވާ ކަމަށާއި، މި ބިމާއެކު ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގުޅީފަޅަށް އޮޕަރޭޝަންގެ ބޮޑު ބައެއް ބަދަލު ނުކުރެވޭނަމަ ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ.