ގަތަރުން އެ ގައުމުން ގެންގުޅޭ ޕޮލިސީތައް ބަދަލުކުރަންޖެހޭ ކަމަށާއި، ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކަށް އެއްބާރުލުންދިނުން ހުއްޓާލަންޖެހޭ ކަމަށް ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.
ފްރާންސްގެ ޕެރިސްގައި މިވަގުތު ހުންނެވި އާދިލް އަލް ޖުބެއިރު ވިދާޅުވީ، ގަތަރުން އާދައިގެ ގައުމެއްގެ ގޮތުގައި ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާ، އިޖިޕްޓް، ބަހުރޭން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ގަތަރާ އޮތް ގުޅުން ކަނޑާލުމުންނެވެ. އެ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލާފައިވަނީ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ގަތަރުން ގުޅުން ބަދަހިކުރާކަމަށް ބުނެއެވެ.
ކަންތައްތައް ރަނގަޅުކުރުމަށް ގަތަރަށް އަވަސް ފިޔަވަޅުތަކެއް އެޅިދާނެކަމަށް ވެސް އާދިލް އަލް ޖުބެއިރު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ފިޔަވަޅުތަކަކީ ކޮބައިކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ގަތަރުން ކުރަމުންގެންދާ ކަންތައްތައް ހުއްޓާލަންޖެހޭ ކަމަށާއި، ސުލްހަ ގާއިމުކުރުމުގެ އިހުތިޔާރުވެސް އޮތީ އެގައުމަށް ކަމަށެވެ. އެގޮތުން މިއީ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ މައްސަލައެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސައުދީގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކަށް ފަންޑުކުރަމުންދަނީ ގަތަރުކަމަށް ބައެއް އަރަބިގައުމުތަކުން ގޮވާލުން ވެގެންދާނީ ޓެރެރިޒަމްގެ އަމަލުތައް ހުއްޓާލުމަށް ލިބޭ ބޮޑުކުރިއެރުމަކަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
...extremism, and all reference was pointing to Qatar. Perhaps this will be the beginning of the end to the horror of terrorism!
— Donald J. Trump (@realDonaldTrump) June 6, 2017
ސައުދީން ގަތަރާ އޮތް ގުޅުން ކަނޑާލަން ނިންމީ ޓްރަމްޕް ސައުދީއަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ.