ކުރިއަށް އޮތް ރަމަޟާން މަހާއި ގުޅިގެން ކާބޯތަކެތީގެ ޝިޕްމެންޓްތައް އަވަހަށް ކްލިއަރ ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހަށްވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ އަދަދު އިތުރުވެ، ކާބޯތަކެތީގެ ޝިޕްމެންޓްތައް އަންނަ މިންވަރު އިތުރުވާ ކަމަށެވެ. ކްލިއަރެންސްގެ ޑިމާންޑް ބޮޑުވެގެންދާއިރު، ޕޯޓްސްގެ އޮޕަރޭޝަންތައް އަވަސް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަވަސް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޝާހިދު ވިދާޅުވިއެވެ.
ކޮންމެ ރޯދަމަހެއްގައި ވެސް ކާބޯތަކެތީގެ އަގު ހިފެހެއްޓުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ޕޯޓްސްއިން މުދަލުގެ އަގު ހިފެހެއްޓުމުގައި ޕޯޓްސްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން މިއަހަރުގެ ރޯދަ ވިޔަފާރިވެރިންނަށް ދަތިނުވެ މުދާ އަވަހަށް ލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރޯދަ މަހު މަސައްކަތްތަށް ރޭވިފައިވާ ގޮތާއި ބެހޭ ގޮތުން ޝާހިދު ވިދާޅުވީ ރޯދަ މަހުގެ އޮޕަރޭޝަންތަކުގެ ވަގުތަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެގޮތުން ރޯދަމަހު މުދާ ކްލިއަރ ކުރަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 1:30 އަށް ޝާހިދު ވިދާޅުވިއެވެ.
'ކްލިއަރިންގ މަސައްކަތް ހިނގާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއް ވެސް 9:00ން މެންދުރުފަހު 4:00ށް. އޭގެފަހުން ރޭގަނޑު 9:00ން 1:30ށް. ކާބޯތަކެތީގެ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ މުދާ އަޅުގަނޑުމެން ހަމަ ހެނދުނު 9:00ން ފެށިގެން ރޭގަނޑު 1:30ށް ހުއްޓާނުލާ މެންދުރުފަހު 4:00ން 9:00ށް ލިބޭ ބްރޭކް ގަޑީގައި ވެސް އެ މަސައްކަތް ކޮންޓިނިއުކޮށް ކުރާ ގޮތަށް އަޅުގަނޑުމެން ހަމަޖައްސާފައި މިހުރީ. ކާބޯތަކެތީ ހިފައިގެން އަންނަ ބޯޓެއް ހުކުރު ދުވަހު އައިސްފިއްޔާ ކްލިއަރެންސް އޮޕަރޭޝަން ވެސް އަދި މުދާ ބޭލުމުގެ އޮޕަރޭޝަން ވެސް ކުރިއަށް ގެންދާނެ. ކޮންޓެއިނަރގެ އޮޕަރޭޝަންތަކަށް ބަލާއިރު، އާއްމުކޮށް އެހެން ރޯދަމަހެކޭ ވެސް އެއްގޮތަށް ހެނދުނު 9:00 މެންދުރުފަހު 4:00ށް ރޭގަނޑު 9:00 ދަންވަރު 1:30ށް އަޅުގަނޑުމެންގެ އޮޕަރޭޝަން ކުރިއަށްދާނެ.އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
ޝާހިދު ވިދާޅުވީ ކާބޯތަކެތީގެ ކޮންޓެއިނަރުތައް އެހެން ވަގުތުތަކުގައި އަތުވެއްޖެނަމަ އެތަކެތި ކޮންމެ ވަގުތެއްގައި ވެސް ކްލިއަރ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޚިދުމަތް އަވަސް ކުރުމުގެ ގޮތުން މިހާރު ވަނީ މުދާ ކްލިއަރ ކުރުމުގެ މަސައްކަތަށް އިތުރު 20 މުއައްޒަފުން ނަގާފައެވެ. އަދި އިތުރު ދެ ފޯކްލިފްޓު ވެސް އަންނަ ހަފްތާ ތެރޭގައި ލިބޭނެ ކަމަށާއި، މުދާ ކްލިއަރ ކުރުމަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ.