ކ. މާލެ
|
29 މާރޗް 2022 | އަންގާރަ 07:05
1.5 މިލިއަން ވަނަ ޓުއަރިސްޓު ރާއްޖެ އައުން ފާހަގަކުރުން -- ފޮޓޯ : ޔޫސުފް ސޮފްވާން
1.5 މިލިއަން ވަނަ ޓުއަރިސްޓު ރާއްޖެ އައުން ފާހަގަކުރުން -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
ރާއްޖޭގެ ފަތުރުވެރިކަން
ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވި ކޮންމެ ގޮންޖެހުމަކަށްފަހު "ބޫސްޓް" އެއް
 
ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއެކު ފަތުރުވެރިކަމަށް ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައި
 
ފަތުރުވެރިކަން ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއަކީ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަނަށް ވި
 
ކޮވިޑް-19 އާއެކު ފަތުރުވެރިކަން ހުއްޓުނު

ރާއްޖޭގެ ފަތުރުވެރިކަމަށް މިވީ 50 އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިނުވާވަރުގެ ބޮޑެތި ގޮންޖެހުންތަކެއް މިފަހުން ވަނީ ކުރިމަތިވެފައެވެ. މިގޮތުން ފާހަގަކޮށްލެވެނީ ކޮވިޑް-19ގެ ހާލަތާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވެއްޓުނު އަނދަވަޅެވެ. ފަތުރުވެރިކަން މުޅިން ހުއްޓިގެން ދިޔައެވެ. އެތައް ދުވަހެއް ވަންދެން މިގޮތުގައި އޮތެވެ. އަދި 2020 ވަނަ އަހަރުގެ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިއެވެ. ކޮވިޑް-19އާއެކު ދިމާވި ގޮންޖެހުންތަކާ އެކުއެވެ. ބޯޑަރު ހުޅުވާލިތާ އަދި ދެ އަހަރެއް ނުވެއެވެ.

އެހެންނަމަވެސް މި ވީ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއިން ވަނީ ފަތުރުވެރިކަމުގައި ކާމިޔާބީތަކެއް ހޯދާފައެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންގޮސް، ބޯޑަރު ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ހޮވިގެންދިޔައެވެ. އަދި އެއަށްފަހު ޖައްސަ ޖައްސައިގެން ދެވަނަ ފަހަރަށް ރާއްޖެއަށް މި އެވޯޑު ލިބިގެންދިޔައެވެ. ރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލްތައް މުޅި ދުނިޔެއިން ބަލައިގަތެވެ. ހަމަގައިމުވެސް ޕެންޑަމިކެއްގެ ތެރޭގައި ކުރިއަރާ ދިޔުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް ރާއްޖެއިން ވަނީ މިފަދަ ހާލަތެއްގައިވެސް ކުރިއަރާ ދެވިދާނެކަމުގެ ފުރިހަމަ މިސާލު މުޅި ދުނިޔެއަށް ދައްކާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު ފައްތަރެއްގައި އޮއްވައި އަނެއްކާވެސް މިވަނީ ފަތުރުވެރިކަމަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާންޖެހިފައެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުންދާ މާކެޓުތަކުގެ ތެރޭގައި ހިމެނޭ ރަޝިޔާއާއި ޔޫކްރެއިނާއި ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާއިން ފަތުރުވެރިން އައުން އެއްކޮށް ވަނީ ހުއްޓިފައެވެ. ހަނގުރާމައާއި ގުޅިގެން ރަޝިޔާއިން ވަނީ ބައިނަލްއަގުވާމީ ދަތުރުތައް ކުރުން ހުއްޓާލާފައެެވެ. އަދި މިއާއެކު އެގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ރާއްޖެ އަންނަ އެއާރލައިނެއް ކަމަށްވާ އެއިރޯފްލޮޓުގެ ދަތުރުތައްވެސް ހުއްޓާލީއެވެ.

ހަނގުރާމައާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން ދަށްވެފައިވާކަން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ ފާހަގަކުރައްވާފައެވެ. ދުވާލެއްގެ މައްޗަށް އެތައް ފަތުރުވެރިންނެއް ރަޝިޔާ މާކެޓުން ރާއްޖެ އައިސްފައިވާއިރު މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވަނީ ފާހަގަކޮށްލެވޭހާ ބޮޑަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ކޮންމެވެސް ވަރަކަށް އެނގުންވެލާނެއެވެ.

އެހެންނަމަވެސް މިފަދަ ކޮންމެ ކަމަކުންވެސް އަރައިގަނެ މާ ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ފަދައިން މިކަމުންވެސް އަރައިގަނެވޭނެ ކަމުގެ ޔަގީންކަން މިއަދު އެބަ އޮތެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ ހަނގުރާމަ ފެށުމާއެކު ރާއްޖޭގެ ފަތުރުވެރިކަން އަނެއްކާވެސް ކުރިއަރައިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތްކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް މިގޮތަށް ވިދާޅުވެ އިތުރު މަސައްކަތްތައް ނުކުރައްވާ ތިއްބަވަނީއެއް ނޫނެވެ. އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ފަތުރުވެރިކަން ރަނގަޅުކުރަން މިއަދުގެ ސަރުކާރުން މަސައްކަތްކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަސް މަސައްކަތްކުރަމުންދާ ފަރާތްތަކުން މިހާރު ގެންދަނީ އިތުރު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ތަރުހީބެއް ލިބޭނެކަމުގެ ޔަގީންކަން އޮންނަ މާކެޓުތަކަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. މިގޮތުން އިންޑިޔާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި ފަހަކުންވެސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުންވެސް އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް