ކ. މާލެ
|
29 މާރޗް 2022 | އަންގާރަ 07:18
ދެކުނު އިރުމަތީ އޭޝިޔާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުން
ދެކުނު އިރުމަތީ އޭޝިޔާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުން
އެމްއެމްޕީއާރްސީ
ރާއްޖެ އިޝްތިހާރުކުރުން
ވިޒިޓް މޯލްޑިވްސްއާއި ޓްރިޕްޒިލާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތެއް ފަށައިފި
މިއީ ޓްރެވެލިންގް އަގެއިން ސީރީސްގެ ދަށުން ކުރިއަށްގެންދާ ކެމްޕޭނެއް
ޓްރިޕްޒިލާއަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގައި ކޮންޓެންޓް ތައްޔާރުކުރާ މަގުބޫލު ޕްލެޓްފޯމެއް
މީގެ ކުރިންވެސް އެމްއެމްޕީއާރުސީން ވަނީ ޓްރިޕްޒިލާއާއި އެކުގައި މަސައްކަތްކޮށްފައި

ދެކުނު އިރުމަތީ އޭޝިޔާ މާކެޓުގައި ދިވެހިރާއްޖެ އެންމެ މަގުބޫލު އެއް ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ޓްރިޕްޒިލާ އާއި ގުޅިގެން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން (އެމްއެމްޕީއާރުސީ) އިން ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިނަކީ ޓްރިޕްޒިލާ 'ޓްރެވެލިންގް އަގެއިން' ގެ ނަމުގައި ކުރިއަށްގެންދާ ސީރީސްއެއްގެ ދަށުން ކުރިއަށްދާ ކެމްޕެއިނެކެވެ. މި ކެމްޕެއިނުގެ އަމާޒަކީ ދެކުނު އިރުމަތީ އޭޝިޔާގެ ފަތުރުވެރިން އަލުން ދަތުރުކުރަން ފަށާއިރު، ދިވެހިރާއްޖެއަކީ މި ދަނޑިވަޅުގައި ދަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.

ޓްރިޕްޒިލާއަކީ ދެކުނު އިރުމަތީ އޭޝިޔާ މާކެޓްގައި ފަތުރުވެރިކަމާއި ސަގާފަތަށް އަމާޒުކޮށް ކޮންޓެންޓް ތައްޔާރުކުރާ އެންމެ މަގުބޫލު އެއް ޕްލެޓްފޯމެވެ. ފަތުރުވެރިންނަށް ކަމުދާނެފަދަ ޓްރެންޑްތަކާއި ތަންތަނާއި ކެއުމާއި މީހުންނާއި ބެހޭ މައުލޫމާތު ޓްރިޕްޒިލާގެ ކޮންޓެންޓްއިން ލިބިގެންދާނެއެވެ. ފަތުރުވެރިކަމުގެ އެކި މަންޒިލްތަކާއި، އެތަންތަނުން ލިބޭ ތަފާތު ތަޖުރިބާތައް މި ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ މަހަކު 25 މިލިޔަނަށް ވުރެ ގިނަ ކިޔުންތެރިންނަށް ފޯރުކޮށްދެއެވެ.

މި ކެމްޕެއިނުގެ ދަށުން ދިވެހިރާއްޖެއަށް ޚާއްސަ 4 އާޓިކަލެއް ޓްރިޕްޒިލާއިން ޝާއިޢުކުރާނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމައްވާ ރިޒޯޓް ގެސްޓްހައުސް، ހޯމްސްޓޭ، ލިވްއަބޯޑް އަދި ހޮޓެލްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ކުރެވެން ހުންނަ ޚާއްސަ ތަޖުރިބާތައް މި 4 އާޓިކަލްގައި ހިމެނޭނެއެވެ. އަދި އާއިލާތަކާއި މުސްލިމް ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުންނަ ޚާއްސަ ޚިދުމަތްތަކަށް މި ލިޔުންތަކުގައި އަލިއަޅުވާލެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

މީގެ އިތުރުން، ފަތުރުވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސަތްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ރާއްޖެއިން އަޅާފައިވާ އެންމެފަހުގެ ފިޔަވަޅުތަކާއި، ރާއްޖޭގެ ރަށްތަކަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށްވުމުން ފަތުރުވެރިންނަށް ލިބޭ އިތުރު ރައްކާތެރިކަމާއި ގުޅޭ މައުލޫމާތުތައް ވެސް މި ލިޔުންތަކުގައި ހިމެނޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި 4 އާޓިކަލްގެ އިތުރުން ރާއްޖޭގެ ރީތި މަންޒަރުތައްދައްކައިދޭ ވީޑިއޯއަކާއި ސޯޝަލްމީޑިޔާ ޕޯސްޓް ޓްރިޕްޒިލާއިން ޝެއާކުރުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ޖެނުއަރީން ފެބްރުއަރީގެ ނިޔަލަށް ދެކުނު އިރުމަތީ އޭޝިޔާ މާކެޓުން ރާއްޖެ 1،194 ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. މި މާކެޓުގެ ގައުމުތަކުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް މިދިޔަ އަހަރު އެމްއެމްޕީއާރުސީއިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މިގޮތުން މިދިޔަ އަހަރުވެސް ޓްރިޕްޒިލާއާ ގުޅިގެން ވަރަށް ކާމިޔާބު ކެމްޕެއިނެއް ކުރިއަށްގެންގޮސް, 1.4 މިލިޔަނަށް ވުރެ ގިނަ އިމްޕްރެޝަންސް ހާސިލްކޮށްފައިވެއެވެ.

މި އަހަރު މި މާކެޓަށް ޚާއްސަކޮށް އެމްއެމްޕީއާރުސީއިން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިޕްވީ، އެޕަލް ވެކޭޝަންސް، އަދި މައިބަންފްއާއެކު ކުރިއަށްގެންދާ ކެބްވަޓައިޒިން ކެމްޕެއިން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، މޯލްޑިވްސް އީ-ލާނިން ޕްރޮގްރާމާއި، މާޓާ ފެއަރ، މެލޭޝިޔާ ޑައިވް އެކްސްޕޯ (މައިޑް) އަދި ތައިލެންޑް ޑައިވް އެކްސްޕޯގައި ބައިވެރިރިވުމަށް ހަމަޖެހިފައިވެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯވްތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިންގ ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، ވޯލްޑް ޓްރެވަލް އެވޯރޑްސް (ޑަބްލިއުޓީއޭ) 2021ގައި ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބުކުރެވުނުކަމެވެ. މީގެ އިތުރުންވެސް ރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

- ކޮމެންޓް