ގޭތެރޭގައި ދެވޭ ސިއްހީފަރުވާގެ އާލާތްތަކަށް ޚާއްސަ ޝޯރޫމެއް, އެސިސްޓެޑް ލިވިންގގެ ފަރާތުން ހުޅުވައިފިއެވެ.
މާފަންނު ކަނބާއައިސާރަނި ހިނގުމާއި ބުރުޒުމަގު ގުޅޭ ކަންމަތީގައި (އައި.ޖީ.އެމް.އެޗްގެ ކުރިމަތިން) ހުންނަ މި ޝޯރޫމް ރަސްމީކޮށް ހުޅުވައިދެއްވީ، ސެނަހިޔަގެ ޕަލްމޮނޮލޮޖިސްޓް ޑޮކްޓަރު ފާލިހުއެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާއި، ޖަމްއިއްޔާތަކާއި، އެފް.އޭ.އެމްގެ ޑޮކްޓަރ އަދި އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ޕަލްމޮނޮލޮޖިސްޓް އަދި އޯރތޮޕެޑިކް ފަދަ ސްޕެޝިއަލިސްޓް ޑޮކްޓަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޝޯރޫމް ހުޅުމުގެ ހަފްލާގައި އެސިސްޓެޑް ލިވިންގގެ ފަރާތުން ވަނީ، މި ހަފްލާއަށް ވަޑައިގަތް ފަރާތްތަކަށް ޝޯރޫމް ދައްކާލައި, އެތަނުން ވިއްކާ ސާމާނުތަކާއި ގުޅޭގޮތުން ތަފްސީލްކޮށް މައުލޫމާތު ފޯރުކޮށްދީފައެވެ.
މިޝޯރޫމުން ވިއްކާ ބައެއް ބްރޭންޑުތަކަކީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ ބްރޭންޑްތަކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ބްރޭންޑްތަކުގެތެރޭގައި, ޓެނާ، ޗާރޗް އެންޑް ޑްވައިޓް، ބީ.އެމް.ސީ ލ، ސޮފްޓް ޓަޗް، ތުއަސްނޭ، ޑައިނާ ފަދަ އިންޓަނޭޝަނަލް ބްރޭންޑްތައް ހިމެނެއެވެ.
އެސިސްޓެޑް ލިވިންގއިން ވިއްކާ ޚާއްސަ ތަކެތީގެ ތެރޭގައި, ކަނދުރާގެ އެކި އަނިޔާ ނުވަތަ ކަސްރަތާއި ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާގެ ސަބަބުން ބޭނުންކުރަން ޑޮކްޓަރުން އިރުޝަދުދޭ ގާރޑް ނުވަތަ ބްރޭސަސްގެ ބްރޭންޑް ހިމެނެއެވެ. މިތަނުން ވިއްކާ ސާމާނަކީ އާންމުކޮށް ބޭނުންނުކުރާ އަދި ލިބެން ނުހުންނަ ތަކެއްޗަށް ވާތީ، މި ފަދަ ސާމާނު އެންމެ ފުރިހަމައަށް ބޭނުން ހިފޭގޮތަށް އެތުރޭނެ ގޮތް، މިތަނަށް އަންނަ މީހުނަށް ދައްކާލުމަށް ބެހެއްޓިފައި ހުންނާނެކަމަށް އެސިސްސްޓެޑް ލިވިންގއިން ވަނީ ބުނެފައެވެ.
އަމިއްލައަށް ހެލިފެލިވެ އުޅުމަށް އެހީތެރިވުމަށް ގޭތެރެއާއި ފާޚާނާގައި ހަރުކުރާނެ ތަކެއްޗާއި، އަމިއްލައަށް އެނދަށް އަރާ ފައިބަން އެހީތެރިވާ ސާމާނާއި, ހިނގާ އުޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާގެ އަދި ވޯކަރ ފްރޭމްސް ފަދަ ވަރަށް ގިނަ ވައްތަރު މިތަނުން ލިބެން ހުންނާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.