މުޅި ރާއްޖެއިން 9041 މީހުން ފަޤީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ބައެއް ރަށްރަށު ކައުންސިލްތަކުގެ ރައީސުންނާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ފަޤީރުންގެ ދަފްތަރު އެކުލަވާލެވިފައިވާއިރު، މުޅި ރާއްޖެއިން 9041 މީހުން ފަޤީރުންގެ ގޮތުގައި ވަނީ ދަފްތަރު ކުރެވިފައެވެ.
މިނިސްޓަރ ވިދާޅުވާ ގޮތުގައި އޭގެ ތެރެއިން އަތޮޅުތެރެއަށް ނިސްބަތްވަނީ 7245 މީހުންނެވެ. މާލެއިންވެސް 1796 މީހުން ވަނީ ފަޤީރުންގެ ލިސްޓުގައި ދަފްތަރު ކުރެވިފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، 1443 ވަނަ އަހަރު އެއްވެސް ފަޤީރަކު ނެތް 42 ރަށް މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ. އަދި ނިމިދިޔަ އަހަރު އެއްވެސް ފަޤީރެއް ނެތް 45 ރަށް ފާހަގަވެފައިވާކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ހާމަ ކުރެއްވިއެވެ.
މިއަހަރު ފައިސާއިންވެސް އަދި ކާބޯތަކެތިންވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަށްޓަކައި ރަމަޟާން މަހުގެ 2 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ހޯލު ތައްޔާރު ކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގޮވާމުން ޒަކާތް ދެއްކުން ރަމަޟާން މަހުގެ ފަހު ދިހައިން ފެށިގެން ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، އެސްއެމްއެސްގެ ޒަރިއްޔާއިން ފައިސާ ދެއްކޭނެ އިންތިޒާމުވެސް މި އަހަރު ހަމަޖައްސާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން މެނޫއިން ވަކި ރައްރަށް ސެލެކްޓްކޮށްގެން ފައިސާ ދައްކަވާނަމަ އެފައިސާއެއް އެރަށެއްގެ ފަގީރުންނަށް އިސްލާމިކް މިނިސްޓްރީން ރައްދު ކޮށްދޭގޮތަށް ވަނީ ހަމަޖެހިފަ. ވަކި ރައްރަށަށް އޮންލައިންކޮށް ފައިސާ ދެއްކޭނެގޮތް ހަމަޖެހިފައިވަނީ ބީއެމެއްލް އޮންލައިން ޕޯޓަލް، އުރީދޫ އެމްފައިސާ، ދިރާގުޕޭ، ފަހިޕޭ މެދުވެރިކޮށް. މިއީ މިގޮތަށް ޢަމަލުކުރަން ފެށި ފުރަތަމަ ފަހަރުއިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާ ގޮތުން 2018 ވަނަ އަހަރު ފަގީރުންގެ ގޮތުގައި 16،294 މީހުން ރަޖިސްޓްރީ ވެފައި ވެއެވެ. 2017 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައި ވަނީ 16،205 މީހުންނެވެ.