ކ. މާލެ
|
28 މާރޗް 2022 | ހޯމަ 12:38
ކިންގް ސަލްމާން މިސްކިތް- އެ މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައި
ކިންގް ސަލްމާން މިސްކިތް- އެ މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައި
ރާއްޖެއެމްވީ
ރޯދަމަހާ ދިމާކޮށް މިސްކިތްތައް ހުޅުވުން
1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ
މިސްކިތްތައް މަރާމާތު ކުރުމަށް 15 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުން ޚާއްސަ ކުރެވިފައިވޭ
ރަމަޟާން މަހަށް ޚާއްސަކޮށް މިނިސްޓްރީ އިން ގިނަ ޕްރޮގްރާމްތަކެއް ރާވަމުންދޭ
ބައެއް މިސްކިތްތަކުގެ މަރާމާތުތައް އަދިވެސް މުޅިން ނުނިމޭކަމަށް މިނިސްޓަރ ވިދާޅުވި

1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ރަމަޟާން މަހަށް ޚާއްސަކޮށްގެން މިނިސްޓްރީން ގިނަ ޕްރޮގްރާމްތަކެއް ރާވަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 15 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުން އެކަމަށް ޚާއްސަ ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ބައެއް މިސްކިތްތަކުގެ މަރާމާތުތައް އަދިވެސް މުޅިން ނުނިމޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ބައެއް މިސްކިތްތައް އަލަށް ހުޅުވުމަށްވެސް ހަމަޖެހިފައިވާކަން ހާމަ ކުރައްވައި މިނިސްޓަރ ވަނީ އެކަމާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ. މިގޮތުން ޒަކާތު ފަންޑުން ޚަރަދުކޮށްގެން ލ މަތިމަރަދޫގައި އިމާރަތްކުރި މިސްކިތް އަންގާރަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެއީ ޒަކާތު ފަންޑުން އެޅި ފުރަތަމަ މިސްކިތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު، ހުޅުމާލޭ 2 ވަނަ ފޭސްގައި އަޅާފައިވާ ވަގުތީ މިސްކިތްވެސް ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދަށްފަހު ހުޅުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ހުޅުމާލޭ 2 ވަނަ ފޭސްގައި އަޅާ ދެވަނަ މިސްކިތެވެ. މި މިސްކިތްތަކުގައި ނަމާދުކުރާއިރު، ހޫނުވުން ފަދަ ކަންކަން ދިމާވާނެތީ އެތަންތަން ހިޔާ ކުރުމުގެ މަސައްކަތްތަކެއް މިނިސްޓްރީން މިހާރުވެސް ދަނީ ކުރަމުންނެވެ.

އޭގެ އިތުރުން، ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ފަސްކޮށްފައިވީނަމަވެސް، 1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން އެ މިސްކިތުގައި ނަމާދުކުރަން ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސްކިތް ރަސްމީކޮށް ހުޅުވާނީ ސައޫދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ އައުމުން ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު, އެ މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި،

5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ ވަނީ މީގެ އިތުރުންވެސް އިތުރު 2 މިސްކިތެއް ރަމަޟާން މަހާ ދިމާކޮށް ހުޅުވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 1 އޭޕްރީލްވާ ހުކުރު ދުވަހުގެ އަޞްރު ނަމާދަށްފަހު މާފަންނު އާ މިސްކިތުގައިވެސް ނަމާދު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހުޅުމާލޭ ފުރަތަމަ ފޭސްގައި އާރް.ސީ.ސީ އިން އަޅާ މިސްކިތްވެސް ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ހުޅުވުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް