ކ. މާލެ
|
27 މާރޗް 2022 | އާދީއްތަ 12:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޕޮލިސް ކޮލެޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޕޮލިސް ކޮލެޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ
ފުލުހުންގެ ކޮލެޖް ހުޅުވުން
އިންޑިއާއިން އެހީވަނީ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ބެލުމަށްފަހުގައެއް ނޫން - ރައީސް ސާލިޙް
 
އިންޑިއާ ސަރަކާރުން 300 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް މިޕްރޮޖެކްޓަށް ހޭދަކޮށްފައިވޭ
 
މިއީ އިންޑިއާ ސަރުކާރުން ދިވެހިންނަށް ވެދީފައިވާ ދީލަތި އެހީއެއް
 
އައްޑޫ ސިޓީގެ މަރަދޫ ހިތަދޫ ގުޅޭ ސަރަހައްދުގައި މިޕްރޮޖެކްޓު ހިންގަން ނިންމާފައިވަނީ 2014 ވަނަ އަހަރު ފެބުރުވަރީމަހު އޭރު އޮތް ސަރުކާރުން

އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އޭރަކު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ޤައުމުގެ ތަރައްޤީއާއި، ދިވެހިންގެ ކުރިއެރުމަށްޓަކައި ވަމުންދާ އެހީތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިހެން ވިދާޅުވީ އާދިއްތަ ދުވަހު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އޭރަކު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ޤައުމުގެ ތަރައްޤީއާއި، ދިވެހިންގެ ކުރިއެރުމަށްޓަކާއި ވަމުންދާ އެހީތަކެއްގެ ގޮތުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ތާރީޚަށް ބަލާއިރު، ނޭޝަނަލް ކޮލެ ޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ މިދެންނެވި ހަޤީޤަތުގެ އެއް މިސާލުކަމަށެވެ. ރައީސް ވިދާޅުވީ މިޕްރޮޖެކްޓު ފެށިގެން މިހިސާބަށް އައިގޮތަށް ބަލާއިރު އެހަޤީގަތް ހާމަވާ ކަމަށެވެ.

އަދި މިޕްރޮޖެކްޓުގެ ވާހަކަ ފުރަތަމަ ދެ ސަރުކާރުގެ ދެމެދުގައި ދެކެވިފައިވަނީ 2009 ވަނަ އަހަރު ކަމަށާއި، ފުރަތަމަ ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގައި ކަމަށެވެ. އަދި އެއަށްފަހު ޅ. މާބިންހުރައިން ދ. ވާނީއަށް ޕްރޮޖެކްޓު ބަދަލުކުރެވުނު ކަމަށެވެ. އަދި އައްޑޫ ސިޓީގެ މަރަދޫ ހިތަދޫ ގުޅޭ ސަރަހައްދުގައި މިޕްރޮޖެކްޓު ހިންގަން ނިންމާފައިވަނީ 2014 ވަނަ އަހަރު ފެބުރުވަރީމަހު އޭރު އޮތް ސަރުކާރުން ކަމަށެވެ. 2014 ވަނަ އަހަރު ވެރިކަމުގައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމްގެ ވެރިކަމެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވީ މި ޕްރޮޖްކްޓުގެ ޕްލޭނިންގ މަސައްކަތް ނިންމުމަށްފަހު ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހު ކަމަށެވެ. އަދި މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީޚަކީ 2022 ވަނަ އަހަރުގެ ފެބުރުވަރީގެ ނިޔަލަށް ކަމަށާއި، އިންޑިއާ ސަރުކާރުން 300 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް މިޕްރޮޖެކްޓަށް ހޭދަކޮށްފައިވާ ކަމަށެވެ. އަދި އިރާދަ ކުރެއްވީތީ ﷲގެ ވާގިފުޅާއެކު ބޭއްވިގެން ދިޔައީ މިފުރިހަމަ ކޮލެޖް ހުޅުވުމުގެ ރަސްމިއްޔާތު ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ އިންޑިއާ ސަރުކާރުން ދިވެހިންނަށް ވެދީފައިވާ ދީލަތި އެހީއެއް ކަމަށެވެ. އަދި މިޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގައި މީގެ ކުރީގެ ސަރުކާރުތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވަނީ އޭރުގެ ރައީސްކަމުގައި ތިއްބެވި ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ދިނުމަކީ މިސަރުކާރުގެ ވައުދެއް ކަމަށެވެ. ކޮންމެ ޤައުމެއްގައިވެސް ފުލުހުންނަކީ މުޖުތަމައުގެ ތެރޭގައި އާންމު ރައްޔިތުންނާ ލާމެހިގެން، ރައްޔިތުންނަށް އަމާންކަމާ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ހޯދައިދޭން ތިބޭ ބައެއް ކަމަށެވެ.

އަދި ފުލުހުންގެ ޙިދުމަތެއް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނާއި އެކުގައި އަދި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށްގެން މުޖުތަމައުގައި ހުންނަ މައްސަލަތައް ހައްލުކުރުން ކަމަށާއި، ފުލުހުންނަށް ވަކި ޚާއްސަ ތަމްރީނުތަކެއް ދޭންޖެހެނީ އެސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާާޅުވީ މި ކޮލެޖް ހުޅުވިގެން މިދަނީ ފުލުހުންގެ ތަމްރީންތަކަށް މިޒަމާނުގައި ބޭނުންވާނެ ހުރިހާ ވަސީލަތްތަކާއެކު ކަމަށެވެ. އަދި މި ކޮލެޖުން ދޭ ތަޢުލީމާއި ތަމްރީނުތަކުގެ ސަބަބުން ޑިމޮކްރަޓިކް އުސޫލުތަކަށް ފުލުހުންގެ ލޯ ހުޅުވިގެންދާނެ ކަމަށާއި، ޒަމާނީ ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވާނެ ކަމަށެވެ.

އަދި ކޮންމެ ފުލުހަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ އަދި މަސައްކަތަށް ޤާބިލް މީހަކަށްވެގެންދާނެ ކަމަށާއި ކޮމިއުނިޓީ އޮރިއެންޓެޑް ފުލުހުންގެ ޚިދުމަތެއް ދެވޭނީ، އެ އަސާސްތަކުގެ މަތީގައި ފުލުހުން ތަމްރީންކޮށްގެން ކަމަށެވެ. އެފަދަ ޚިދުމަތެއް ދެވޭނެ މިންވަރަށް ފުލުހުން ތަމްރީންކުރެވޭނެ ފުރިހަމަ ވަސީލަތްތައް ހުރުމަކީ މުޅި ދައުލަތުގެ މަސްލަޙަތާއި ގުޅިފައިވާކަމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ މި ކޮލެޖަކީ، ދިވެހި ރައްޔިތުން އުންމީދުކުރާ ފަދަ ޚިދުމަތަކަށް މަގު ކޮށައިދޭނެ ތަނަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި