ކ. މާލެ
|
26 މާރޗް 2022 | ހޮނިހިރު 19:43
މިފްކޯގެ އައު އުފެއްދުންތައް ލޯންޗުކުރުން
މިފްކޯގެ އައު އުފެއްދުންތައް ލޯންޗުކުރުން
މިފްކޯގެ އައު އުފެއްދުންތަކެއް
މިފްކޯއިން މުޅިން އައު 2 ޕްރޮޑަކްޓެއް ބާޒާރަށް ނެރެފި
މިފްކޯގެ މަސްދަޅަކީ ކަސްޓަމަރުންގެ މަގުބޫލުކަން ހޯދާފައިވާ އުފެއްދުމެއް
ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އުފެއްދުންތައް ބާޒާރަށް ނެރޭނެ
ހުޅުމާލެ ފޭސް 2ގައި މިފްކޯގެ ފިހާރައެއް ހުޅުވާނެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މުޅިން އައު 2 އުފެއްދުމަށް ބާޒާރަށް ނެރެފިއެވެ.

ރަމަޟާންމަހާ ދިމާކޮށް މިފްކޯއިން ބާޒާރަށް ނެރެފައިވާ މި އުފެއްދުންތަކަކީ "ކަނޑުމަސް ލުނބޮޔާއި މިރުހާއެކު ފެނުގަ"އާއި "ކަނޑުމަސް ބަނޑައިދޫ ޒައިތޫނި ތެލުގަ"އެވެ. މި ދެ އުފެއްދުން ލޯންޗުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އަދި ބޯޑް މެމްބަރު ޝުއައިބު މުހައްމަދެވެ. މިއާއެކު މިހާރު މިފްކޯގެ ފިހާރަތަކުން މި ތަކެތި ގަންނަން ލިބޭނެއެވެ.

މި ޕްރޮޑަކްޓުތައް ލޯންޗުކޮށްދެއްވައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ މިފްކޯގެ ދަޅުމަހުގެ ބާވަތްތަކަކީ ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްރޮޑަކްޓުތަކެއް ކަމަށެވެ. މިގޮތުން އެކުންފުނިން ބާޒާރަށް ނެރުނު މިފްކޯގެ ހޮޓްޕެކްގެ ބާވަތްތަކަށްވެސް ކަސްޓަމަރުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި މި ރޯދަމަހާ ދިމާކޮށް ލޯންޗުކޮށްފައިވާ މި ދެ ޕްރޮޑަކްޓަކީވެސް ކަސްޓަމަރުންގެ ބޮޑު މަގުބޫލުކަމެއް ލިބިގެންދާނެ ޕްރޮޑަކްޓެއް ކަމަށް އުންމީދުކުރައްވާކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިފްކޯއިން ކޮންމެ ޕްރޮޑަކްޓެއްވެސް ބާޒާރަށް ނެރުމުގެ ކުރިން އެތައް ޓެސްޓުތަކެއް ކޮށް ބަލަންޖެހޭ ކަންކަން ބަލާ ކަމަށެވެ. އަދި ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ބޭނުންވާ އުފެއްދުންތައް ފޯރުކޮށްދިނުމަށް މިފްކޯއިން އަބަދުވެސް މަސައްކަތްކުރާކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިހާރު ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒަރުގައި ތެލުގެ އަގުތައް އުފުލުމާއެކު މިފްކޯގެ އުފެއްދުންތަކަށް ބޭނުންވާ ތެލުގެ އަގުވެސް އެތައް ގުނައެއް ބޮޑުވެފައިވާކަމަށެވެ. އަދި ޕްރޮޑަކްޝަން ކޮސްޓްވެސް 40 އިންސައްތަ ބޮޑުވެފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ.

މި ތަކެތި އުފެއްދުމުގެ އަގު ބޮޑުވެފަ ވީނަމަވެސް ކަސްޓަމަރުންނަށް ހެޔޮ އަގުގަ މި ތަކެތި ފޯރުކޮށްދޭނަން.
ސީއީއޯ އިސްމާއިލް ފައުޒީ

މީގެ އިތުރުން ފައުޒީ ވިދާޅުވީ ހުޅުމާލެ ފޭސް 2ގައި ދިރިއުޅޭ މީހުންނަށް މިފްކޯގެ އުފެއްދުންތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މިގޮތުން ހުޅުމާލޭ ފޭސް 2ގައި މިފްކޯގެ ފިހާރައެއް ގާއިމްކުރެވިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

- ކޮމެންޓް