ބާރ ކައުންސިލުން މި އަހަރުގެ ޖޫން މަހު ބޭއްވުމަށް އިންތިޒާމު ކުރަމުންދާ ދިވެހިރާއްޖޭގެ ފުރަތަމަ ބާރ އިމްތިހާނު އޮންނާނީ 25 ޖޫން ވާ ހޮނިހިރު ދުވަހު ކަމަށް އެކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ބުނީ ބާރ އިމްތިހާނުގެ ފީގެ ގޮތުގައި ކެންޑިޑޭޓުން ދައްކަންޖެހޭނީ 10،000ރުފިޔާކަމަށެވެ.
އަދި ބާރ އިމްތިހާނަކީ ޕްރޮފެޝަނަލް އިމްތިހާނަކަށްވެފައި، މި އިމްތިހާނަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ 'ލައިސަންސިންގ އެގްޒޭމް'އަކަށް ހެދުމަށްޓަކައި އެ ކައުންސިލުން ވަނީ ބޮޑެތި ޚަރަދުތަކެއްކޮށްފައި ކަމަށެވެ. މި ޚަރަދުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަން ހޯދުމާއި، ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގެ ބޭފުޅުން ކޮށްދެއްވާފައިވާ މަސައްކަތާއި، އިމްތިހާނު ބޭއްވުމަށް ހިނގާނެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތައް ހިމެނިފައިވެއެވެ.
އިމްތިހާނުގެ ފީ ކަނޑައެޅުމުގައި ބާރ ކައުންސިލުންވަނީ ގިނަ ކަންތައްތަކަކަށް ރިއާޔަތްކޮށްފައި ކަމަށް އެ ކައުންސިލުން ބުނެއެވެ. ބާރ ކައުންސިލަކީ ގްރާންޓް ފަންޑުން ހިންގާ ތަނަކަށްވާތީއާއި, މި އަހަރުން ފެށިގެން ކުރިއަށް އޮތް ކޮންމެ އަހަރަކުވެސް ބާރ އިމްތިހާނެއް އިންތިޒާމުކުރަން ޖެހޭނެތީ، މިފަދަ އިމްތިހާނެއް ދެމެހެއްޓެނިވި ގޮތަކަށް ބޭއްވުމަށްޓަކައި އިމްތިހާނުގެ ޚަރަދު އަނބުރާ ހޯދުމަކީ ފީ ކަނޑައެޅުމުގެ އެންމެ އަސާސީ އެއް މަގުސަދެވެ. އަދި އިމްތިހާނުގެ ޚަރަދު އަނބުރާ ހޯދުމަކީ ދުނިޔޭގެ އެހެން ބާރ ތަކުގައިވެސް އެކަން ކުރާ ގޮތަށްވުމުގެ އިތުރުން، މި އިމްތިހާނު ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމަށް މަސައްކަތް ނުކުރާކަމުގައިވާނަމަ ބާރ ކައުންސިލަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ތިބި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމުގައި އެހީތެރިކަން ލިބުމުގެ ދަތިކަން އެ ކައުންސިލަށް ކުރިމަތިވާނެކަމުގެ މައްޗަށް, ފީ ކަނޑައެޅުމުގައި ރިއާޔަތްކޮށްފައި ވާނެކަމަށް އެ ކައުންސިލުން ބުނެއެވެ.
ބާރ އިމްތިހާނުގެ ކުރިމަގަށް ބަލައި އިމްތިހާނު ބާއްވަންޖެހޭނީ އެކަމަށް ހިނގާ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި އެ ކައުންސިލަށް އަނބުރާ ހޯދޭނެ އުސޫލަކުން ކަމަށް ވީނަމަވެސް، މި އަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނަކީ ދިވެހިރާއްޖޭގެ ފުރަތަމަ ބާރ އިމްތިހާނެވެ. ބައިވެރިން އިމްތިހާނަށް ތައްޔާރުވުމަށް ލިބިފައިވާ ވަގުތަކީ މިފަދަ ކަމަކަށް މާލީގޮތުން ތައްޔާރުވުމަށް އެންމެ އެކަށީގެންވާ މުއްދަތެއްކަމަށް ނުވުމުގެ ފުރުސަތު އޮތުމާއެކު، އިމްތިހާނުގެ ބައިވެރިންނަށް ދެވޭ ލުޔެއްގެ ގޮތުން މިއަހަރު އިމްތިހާނު ބޭއްވުމަށް ހިނގާ ޚަރަދުގެ 50 އިންސައްތަ ޒިންމާ އުފުލާނީ ބާރ ކައުންސިލުން ކަމުގައި އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އިމްތިހާނުގެ ބައިވެރިންގެ އަތުން އިމްތިހާނުގެ ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ އިމްތިހާނަށް ކޮށްފައިވާ ޚަރަދުގެ 50 އިންސައްތަ ކަމުގައިވާ, އިމްތިހާނުގެ ކޮންމެ ބައިވެރިއަކަށް އެވްރެޖްކޮށް 10,000 ރުފިޔާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން, ބާރ އިމްތިހާން ފުރިހަމަކުރުމުން ނޫނީ ގާނޫނީ ވަކީލު ކަމުގެ ހުއްދައެއް ނުލިބޭނެއެވެ. ނަމަވެސް އިމްތިހާނަށް ގިނަ ދުވަސްތަކެއް ވަމުންދާތީ, ގާނޫނަށް އިސްލާހު ގެނެސް, ފަހުން ނިންމާފައިވަނީ ބާރ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަކުރުމަށްފަހު ހުއްދަ ދިނުމަށެވެ.
އިމްތިހާން ފީއާމެދު ގިނަ ގާނޫނީ ވަކީލުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.