ސޮނީ ސްޕޯރޓްސް ގޯލްޑަން ފުޓްސެލް ޗެލެންޖްގެ ކުއާޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެއެވެ. ގަދަ ސޯޅަ ޓީމް ވާދަކުރި ބުރަށްފަހު ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ކ.ގާފަރު, މާފަންނު, ހުޅުމާލެ, މާލެގަން, ރ.ދުވާފަރު, ތ.ތިމަރަފުށި, ދ.ކުޑަހުވަދޫ އަދި ބ.އޭދަފުއްޓެވެ.
މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގެ ކުއާޓަރ ފައިނަލުން ގާފަރު ޖާގަހޯދީ 2-1 ން ގއ.ކޮނޑޭ ބަލިކޮށްގެންނެވެ. ކުއާޓަރ ފައިނަލްގައި ގާފަރު ވާދަކުރާނީ މާފަންނާއެވެ. މާފަންނު ކުއާޓަރ ފައިނަލަށް ދަތުރުކުރީ 2-0 ން މ.ދިއްގަރު ބަލިކޮށްގެންނެވެ.
ކުއާޓަރ ފައިނަލުން ހުޅުމާލެ ޖާގަ ހޯދީ ދެވަނަ ބުރުގައި 2-2 ން މެޗު އެއްވަރުވެ, ޕެނަލްޓީގައި 4-1 ން އދ.މާމިގިލި ބަލިކޮށްގެންނެވެ. ކުއާޓަރ ފައިނަލްގައި ހުޅުމާލެ ވާދަކުރާނީ މާލެގަންއާއެވެ. މާލެގަން ކުއާޓަރ ފައިނަލުން ޖާގަ ހޯދީ 4-3 ން ށ.ކަނޑިތީމް ބަލިކޮށްގެންނެވެ.
ރ.ދުވާފަރު ކުއާޓަރ ފައިނަލަށް ދަތުރުކުރީ 7-0 ގެ ބޮޑު ތަފާތަކުން ސ.ފޭދޫ ބަލިކޮށްގެންނެވެ. ކުއާޓަރ ފައިނަލްގައި ދުވާފަރު ވާދަކުރާނީ ތ.ތިމަރަފުއްޓާއެވެ. ތިމަރަފުށި ކުއާޓަރަށް ދަތުރުކުރީ 6-2 ން އއ.މަތިވެރި ބަލިކޮށްގެންނެވެ.
ކުޑަހުވަދޫ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ގަދަ ސޯޅަ ޓީމް ވާދަކުރި ބުރުގައި ހއ.އިހަވަންދޫއާއި ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ން ކުރި ހޯދައިގެންނެވެ. ކުއާޓަރ ފައިނަލްގައި ކުޑަހުވަދޫ ވާދަކުރަން ޖެހޭނީ އޭދަފުއްޓާއެވެ. އޭދަފުށި ކުއާޓަރ ފައިނަލަށް ދަތުރުކުރީ 3-1 ން ގދ.ވާދޫ ބަލިކޮށްގެންނެވެ.
ކުއާޓަރ ފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހުގެރެއެވެ.