އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ ވަރަށް އަވަހަށް ޓީމާއި ގުޅޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކޮޕަ ޑެލް ރޭގައި އެތުލެޓިކް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ފަޓީ ވަނީ ދެމަސް ދުވަހަށް ކުޅުމާއި ދުރުވާން ޖެހިފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ވަރަށް އަވަހަށް ޓީމުގެ ފަރިތަކުރުންތަކުގައި ފަޓީ ބައިވެރިވާނެއެވެ.
ފަޓީއަށް ލިބުނު އަނިޔާއާއެކު ސާޖަރީއެއް ހަދަން ޖެހިދާނެކަމަށް މީގެ ކުރިން ވާހަކަތައް ދެކެވުނެވެ. ނަމަވެސް ސާޖަރީއަކަށް ނުގޮސް އަލުން ކުޅުމުގައި ބައިވެރި ވެވޭނެކަމަށް މިހާރު މެޑިކަލް ޓީމުން ވަނީ ބުނެފައެވެ. ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންނާއެކު އަވަސް އަރުވާލައިގެން ފަޓީ އަލުން ކުޅުމަށް ނުކުތުން މުހިންމެއް ނޫނެވެ.
ބެލެވޭ ގޮތުގައި އިންޓަރނޭޝަނަލް ބްރޭކަށްފަހު ޔޫރަޕާ ލީގުގައި އެންޓަރަކްޓް ފްރެންކްފޯޓް އާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަޓީ ފެންނާނެއެވެ. ނޫނީ ލަލީގާގައި ކަޑީޒް އާއި ދެކޮޅަށް ކުޅޭމެޗުގައި ފަޓީ ފެނުންވެސް އެކަށީގެންވެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފަޓީ ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހޭދަކުރަން ޖެހިފައެވެ. އެގޮތުން މިދިޔަ އަހަރު ސެލްޓަ ވީގޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ކުޅުމާއި ދުރަށްދާން ޖެހުނު އިރު، އޭގެ ފަހުން މިއަހަރުގެ ތެރޭގައި އެތުލެޓިކް އާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން މިހާރު އޭނާ ހުރީ ކުޅުމާއި ދުރުގައެވެ.