ކ. މާލެ
|
23 މާރޗް 2022 | ބުދަ 22:30
ލަންކާގައި އަސާސީ މުދަލުގެ އަގު އުފުލި ރައްޔިތުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައި
ލަންކާގައި އަސާސީ މުދަލުގެ އަގު އުފުލި ރައްޔިތުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައި
ރޮއިޓަރސް
ސްރީލަންކާގެ އިގުތިސާދީ ހާލަތު
ސްރީލަންކާއިން އައިއެމްއެފްގެ އެހީތެރިކަން ހޯދަނީ
އައިއެމްއެފްއާ އެކު އެއްބަސްވުމެއް ގާއިމުކުރެވިއްޖެ ނަމަ ބޭރުގެ އިތުރު ފަރާތްތަކުގެ އަތުން ލޯނާ އަދި އެނޫންވެސް އެހީ ހޯދަން ފަސޭހަވާނެ
އައިއެމްއެފް އިން ފައިސާގެ އެހީ ހޯދާނަމަ ވަރަށް ގިނަ ކަންކަމަށް ބަލައި ވަރަށް ގިނަ ކަންތައްތަކަށް ކުރާ ހަރަދު ލަންކާއިން ކޮންޓްރޯލްކުރަން ޖެހޭނެ

ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ދަތިހާލަތުން އަރައިގަތުމަށް އެގައުމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީތެރިކަން ހޯދަން ނިންމައިފިއެވެ.

އިގުތިސާދީ ހާލަތު ދަށަށްގޮސް ގައުމުގެ ބޭރު ފައިސާ ވަނީ އެއްކޮށް ހުސްވެފައެވެ. މީގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ލަންކާއަށް ޖެހިފައިވާއިރު، އެންމެ ފުރަތަމަ ސަރުކާރުން ދިޔައީ އައިއެމްފްގެ އެހީއަށް އެދުމަށް ފަސްޖެހެމުންނެވެ. ސަބަބަކީ އައިއެމްއެފް އިން ފައިސާގެ އެހީ ހޯދާނަމަ ވަރަށް ގިނަ ކަންކަމަށް ބަލައި ވަރަށް ގިނަ ކަންތައްތަކަށް ކުރާ ހަރަދު ލަންކާއިން ކޮންޓްރޯލްކުރަން ޖެހޭނެތީއެވެ.

އައިއެމްއެފްގެ އެހީ ހޯދަން ނިންމާފައިވާކަން އިއުލާނު ކުރުމަށްފަހު ސަރުކާރުންވެސް ވަނީ މިކަންތައް ފާހަގަކޮށްފައެވެ. ނަމަވެސް އައިއެމްއެފްއާ އެކު އެއްބަސްވުމެއް ގާއިމުކުރެވިއްޖެ ނަމަ ބޭރުގެ އިތުރު ފަރާތްތަކުގެ އަތުން ލޯނާ އަދި އެނޫންވެސް މާލީއެހީ ހޯދަން ފަސޭހަވެ އިންވެސްޓަރުންގެ އިތުބާރު ހޯދަން ފަސޭހަވެގެންދާނެ ކަމަށް ލަންކާ ސަރުކާރުން ފާހަގަކުރެއެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެގައުމުގައި އަސާސީ ގިނަ މުދަލަކާ ހިދުމަތުގެ އަގު ވަނީ އަތްނުފޯރާ ފަށަށް މައްޗަށް އަރާފައެވެ. ތެލާ ގޭހުގެ ސަޕްލައި ދަށްވެ އަގުތައް އުފުލިފައިވާއިރު، ކާބޯތަކެތީގެ ބައެއް ބާވަތްތަކާއި ބޭހުގެ ހާލަތަކީވެސް މިއީއެވެ. ގައުމުގެ އާންމު ރައްޔިތުން ދަނީ މިފަދަ ތަކެތި ހޯދުމަށް ގިނަ ވަގުތުތަކެއް ދިގު ކިއުތަކުގައި ހޭދަކުރަމުންނެވެ.

ގައުމުގެ އާންމު ހާލަތު ގޯސްވެފައިވާއިރު، އާންމު ރައްޔިތުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެފައެވެ.

- ކޮމެންޓް