ސްރީލަންކާގައި ތެޔޮ ވިއްކާ ސަރަހައްދުތަކުގައި އެގައުމުގެ އަސްކަރިއްޔާގެ ސިފައިން ހަރަކާތްތެރިވާން އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގައި ތެލާ، ގޭސް އަދި ކާބޯތަކެތީގެ އަގު ވަނީ އަތްނުފޯރާ ފަށަށް މައްޗަށް ޖެހިލާފައެވެ. އަދި ތަކެތީގެ ސަޕްލައި މަދުވުމާއެކު އާންމު ރައްޔިތުން ދަނީ ތަކެތި ގަތުމަށް ކިއުގައި ޖެހެމެނުންނެވެ.
ތެލުގެ ސަޕްލައި ދަށްވެ ތެލުގެ އަގު އުފުލިގެން ދިއުމާއެކު ގައުމުގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ރައްޔިތުންނެއް ދަނީ ތެޔޮ ގަތުމަށް ކިއުގައި ޖެހެމުންނެވެ.
ލަންކާ ސަރުކާރުން ބުނީ ތެޔޮ ވިއްކާ ސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރިވާން އެންގީ ކިއުގައި އެތައް ގަޑިއިރަކު ހުންނަން ޖެހި އުމުރުން ދުވަސްވީ ތިން މީހަކު މަރުވުމާއި ގުޅިގެން ކަމަށެވެ.
އެގޮތުން ކޮންމެ ސަރަހައްދެއްގައިވެސް މަދުވެގެން ހަތިޔާރުއެޅި ސިފައިންގެ ދެ އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށް ލަންކާ އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ރޮއިޓަރސް އަށް ވިދާޅުވެފައެވެ.
ލަންކާގެ ފުލުހުން މައުލޫމާތުދޭ ގޮތުގައި ލަންކާގެ އޮޓޯ ޑްރައިވަރަކާއި އިތުރު މީހަކާއި ދެމެދު ހޯމަ ދުވަހު ހިނގި ހަމަނުޖެހުމެއްގައި މީހެެއްގެ ގަޔަށް ވަޅި ހަރާ މަރާލާފައިވާކަމަށް ބުނެފައެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ބޭރު ފައިސާގެ ރިޒާވް ވަނީ އެއްކޮށް ހުސްވެފައެވެ.