ދެކުނު ކޮރެއާގައި އެެމެރިިކާ އިން ގާއިމުކޮށްފައިވާ މިސައިލް ޑިފެންސް ސިސްޓަމްގެ ލޯންޗަރުތަކެއް އެގައުމަށް އެތެރެ ކުރިއިރު އެކަން ރައީސް އަށް ގަސްތުގައި އަންގާފައި ނުވާތީ، ސީނިއާ ޑިފެންސް އޮފިޝަލަކު ސަސްޕެންޑްކޮށްފިއެވެ.
ރައީސް މޫން ޖެއި-އިން އަށް ލޯންޗަރުތައް (ރޮކެޓް ނުވަތަ މިސައިލް ލޯންޗް ކުރާއިރު، އެ ލޯންޗް ކުރުމަށް ބޭނުން ކުރާ ސްޓަރަކްޗާ) ގައުމަށް އެތެރެވިއިރު އަންގަވާފައި ނުވާތީ ސީނިއާ އޮފިޝަލަކު ސަސްޕެންޑް ކުރިއިރު، އެމެރިކާ އިން މިސައިލް ޑިފެންސް ސިސްޓަމް ގާއިމު ކުރީ ކުރީގެ ރައީސް ޕާކް ގުން-ހައި ގެ ވެރިކަމުގައެެވެ. އެމެރިކާ އިން ދެކުނު ކޮރެއާ ގައި ގާއިމު ކުރި ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް، (ތާޑް)" އަކީ އުތުރު ކޮރެއާގެ ނުރައްކާތަކުން ދެކުނު ކޮރެއާ ސަލާމަތް ކުރުމަށް ގާއިމު ކުރި ދިފާއީ ނިޒާމެކެވެ.
މިދިޔަ ހަފްތާގައި ރައީސް މޫން ޖެއި-އިންގެ އޮފީހުން ބުނެފައި ވަނީ، ރައީސް މޫން ޖެއި-އިން ވެރިކަމަށް ވަޑައިގަތް ފަހުން މިހާތަނަށް ހަަތަރު ލޯންޗަރު ދެކުނު ކޮރެއާ އަށް އެތެރެކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް ޑިފެންސް އޮފިޝަލުން މެއި މަހު ދިން ޕޮލިސީ ބްރީފިންތަކުގައި ރައީސް އަށް އެކަމުގެ މައުލޫމާތު އަރުވައިފައި ނުވާ ކަމަށެވެ. ރައީސްގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރައީސް މިކަން ތަހުގީގު ކުރުމަށް އެންގެވި ކަމަށާއި އަދި މިއީ ވަރަށް "ހައިރާންކުރަނިވި ކަމެއް ކަމަށް" ވިދާޅުވިއެވެ.
ހޯމަ ދުވަހު ރައީސް މޫން ޖެއި-އިންގެ އޮފީހުން ބުނީ ތަހުގީގުން ހާމަވެފައި ވަނީ ޑެޕިއުޓީ މިނިސްޓާ ފޯ ޑިފެންސް ޕޮލިސީ، ވީ ސަންގް ހޯ، ހަތަރު ލޯންޗަރުގެ ވާހަކަ ޕޮލިސީ ރިޕޯޓުތަކުގައި ސާފުކޮށް ނުލިޔުމަށް އަމުރުކޮށްފައިވާ ކަަމަށެވެ.
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެކަމުގެ ސަބަބުން ދެކޮރެއާ ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވެސް ވަނީ ވަރަށް ގޯސްވެފައެވެ. އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތަކާއި ގުޅިގެން އދ އިން ދާދިފަހުން ވަނީ އުުތުރު ކޮރެއާ އާ ދެކޮޅަށް އާ ދަތިކުުރުމުގެ ފިޔަވަޅުތަކެއްް ވެސް އަޅާފައެވެ.