ފިންލޭންޑް އަކީ ދުނިޔޭގެ އެންމެ އުފާވެރި ގައުމުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މިއީ އދ އިން ސްޕޮންސަރކޮށް ކުރިއަށްގެންދާ މި ދިރާސާގެ އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓުގެ އެއް ވަނަ ފިންލޭންޑުން ޖެހިޖެހިގެން ހޯދި ފަސް ވަނަ އަހަރެވެ. މި ލިސްޓު އެކުލަވާލުމުގެ ދިރާސާ ކުރިއަށްގެންގޮސްފައި ވަނީ ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުމުގެ ކުރިންނެވެ.
މިއަހަރު އާންމު ކުރި މިލިސްޓަކީ 'ވޯލްޑް ހެޕިނަސް ރިޕޯޓް'ގެ 10 ވަނަ ރިޕޯޓެވެ. މިރިޕޯޓު އެކުލަވާލަނީ ދިރާސާގައި ބައިވެރިވާ އާންމު ރައްޔިތުންގެ ޖަވާބުތަކަށް ރިއާޔަތްކޮށެވެ. އާންމު ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފާވެރިކަމާއި ދުޅަހެޔޮކަމުގެ އިތުރުން ގައުމުގެ އިގުތިސާދީ އަދި އިޖުތިމާއީ މިންގަނޑަށް ލިސްޓު އެކުލަވާލުމުގައި ބަލައެވެ.
މިއަހަރުގެ ލިސްޓު އެކުލަވާލުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައްވެސް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިންނާ ފަހުން ރައްޔިތުންގެ ހިޔާލު ހުރިގޮތް ވަނީ ބަލާފައެވެ.
މި ދިރާސާގައި 146 ގައުމަކުން ބައިވެރިވެފައިވެއެވެ.
ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ އުތުރު ޔޫރަޕްގެ ގައުމުތަކެވެ. ފިންލޭންޑް އަށް ފަހު ލިސްޓުގެ ދެވަނަގައި އޮތީ ޑެންމާކްއެވެ. ލިސްޓުގެ ތިން ވަނަގައި އައިސްލޭންޑް އޮތް އިރު، ހަތަރު ވަނައިގައި އޮތީ ސްވިޒަލޭންޑްއެވެ. ލިސްޓްގެ ފަސް ވަނައިގައި އޮތީ ނެދަރލޭންޑްސްއެވެ.
މި ލިސްޓުގެ އެންމެ ފުލުގައި، އެންމެ އުފާވެރި ނޫން، ހިތްދަތި ގައުމެއްގެ ގޮތުގައި އޮތީ އަފްގާނިސްތާނެވެ. ދެން އޮތީ ލެބަނޫނެވެ. ލެބަނޫންގެ ކުރިއަށް، ތިން ވަނަ އަށް އެންމެ ހިތްދަތި ދިރިއުޅުމެއް އުޅެމުންދާ ރައްޔިތުން އުޅޭ ގައުމަކަށް އޮތީ ޒިމްބާބުއޭ އެވެ. މިގައުމުތަކުތެ ތެރޭގައި ވެނެޒުއޭލާވެސް ހިމެނޭ ކަމަށް ލިސްޓުން ދައްކައެވެ.
މިދިޔަ އަހަރުގެ މިލިސްޓުގެ އެންމެ ފުލުގައި އޮތީވެސް ހަމަ އަފްގާނިސްތާނެވެ. ހަނގުރާމައެއްގެ ތެރޭގައި އޮންނަތާ އެތައް އަހަރެއް ވެފައިވާ އަފްގާނިސްތާނުގެ ވެރިކަމާއި ތޯލިބާނުން ހަވާލުމާއެކު އިންސާނީ ކާރިސާ ވަނީ މިދިޔަ އަހަރު އިތުރަށް ގޯސްވެފައެވެ.