އިނގިރޭސިވިލާތުގައި ހޮނިހިރު ދުވަހުގެ ރޭ ދިން ޓެރެރިސްޓް ހަމަލާ ދިނުމުގައި ބައިވެރިވި ތިން މީހުންގެ ޖަނާޒާ ގެންގޮސްދިނުމަށް އިނގިރޭސިވިލާތުގެ 130 އަށްވުރެ ގިނަ އިމާމުން ދެކޮޅު ހަދައިފިއެވެ.
"އިސްލާމުންގެ އާދައިގެ މަތިން އޮންނަ ކަށުނަމާދެއް ހަމަލާދިން މީހުންގެ މައްޗަށް އަހަރުމެން ނުކުރާނަން، އަދި މުސްލިމް އެހެން އިމާމުންނާއި އިދާރާތަކަށްވެސް ގޮވާލަން އެ ޝަރަފް ނުދިނުމަށް" މުސްލިމް ލީޑަރސް އިން ހޯމަ ދުވަހު ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ބަޔާނެއްގައިވެއެވެ.
އިމާމުން ސިފަ ކުރެއްވި ގޮތުގައި އެމީހުންގެ އެ އަމަލު ތަކަކީ ގަބޫލު ކުރެވޭނެ ކަންކަމެއްނޫނެވެ. އިނގިރޭސިވިލާތް އަދި އެމެރިކާގެ އިމާމުންދަނީ އެފަދަ ހަމަލާތައް ދޭ މީހުންގެ ކަށުނަމާދުކޮށް މުސްލިމުންފަދައި ޖަނާޒާ ކުރިޔަށް ގެންދިއުމަށް ދެކޮޅު ހަދަމުންނެވެ.
ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ އިމާމުންގެ ޖަމްއިއްޔާއެއްކަމަށްވާ އިމާމްސް އެގެއިންސްޓް ޑޮމެސްޓިކް އެބިޔުސް ގެ އިމާމް އަބްދުﷲ ހަސަން އޮންލައިންކޮށް ޕޯސްޓްކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ "ކޮންމެ ފަދަ އަމަލެއް ކުރި ނަމަވެސް ކަށު ނަމާދުކޮށް ހަދަނީ މުސްލިމުންގެ މައްޗަށް" ކަމަށެވެ.
ހުދު ކުލައިގެ ވޭނެއްވަނީ ހޮނިހިރު ދުވަހު ލަންޑަނުގަޑިން 22:00 ހާއިރު ލަންޑަން ބްރިޖްގައި ކައިރިން ބާރަށް ދުއްވާފައި އައިސް ވެހިކަލުން މީހުންގެ ގައިގައި ގަސްތުގައި ޖައްސާ އެތައް ބަޔަކަށް އަނިޔާ ދީފައެވެ. އޭގެ ކުރިން އެ ވޭނުން ނުކުތް ތިން މީހަކުވަނީ ބޮރޯ މާކެޓް ކައިރީ މީހުންގެ ގަޔަށް ތޫނު އެއްޗެހިން ހަމަލާދީފައެވެ.
ހަމަލާގައި ހަތް މީހުން މަރުވެ 48 މީހުން ޒަޚަމްވެފައިވެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ލަންޑަންގައި ދިން ޓެރެރިސްޓް ހަމަލާގައި ބައިވެރިވި ދެމީހެއްގެ ނަން ފުލުހުން ވަނީ އާއްމުކޮށްފައެވެ.
ހަމަލާގައި އަމަލީގޮތުން ބައިވެރި އުޅުނު ތިން މީހުން ވަނީ ހަމަލާދިންވަގުތު ބަޑިޖަހައި މަރާލާފައެވެ.
އައިއެސް ޖަމާއަތާ ގުޅިފައިވާ އަމަޤް ނިއުސް އޭޖެންސީވަނީ" ހަމަލާއަށް އައިއެސްގެ ހަނގުރާމަވެރިން ފޮނުވިކަމަށް" ބުނެފައެވެ. ނަމަވެސް ވާހަކައަށް ބާރުލިބޭ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.