ކ. މާލެ
|
19 މާރޗް 2022 | ހޮނިހިރު 13:06
އައްޑޫސިޓީގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އިންޑިޔާ އައުޓް ކެމްޕޭން ހަރަކާތެއްގެ ތެރެއިން
އައްޑޫސިޓީގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އިންޑިޔާ އައުޓް ކެމްޕޭން ހަރަކާތެއްގެ ތެރެއިން
ޕީޕީއެމް
އިންޑިޔާ އައުޓް ކެމްޕޭން
މައިންބަފައިން ދަރިންނަށް އަދަބުވެސްދެއެވެ.
 
ސިޔާސީ ޕާޓީއަކުން ގާނޫނާ ޚިލާފަށް ހަރަކާތްތައް ހިންގާނަމަ، ކޮމިޝަންގެ ފަރާތުން އެޕާޓީއަށް ސިޓީ ފޮނުވާ
 
ނަފްރަތު އުފެއްދުމަކީ، ރާއްޖެއިން ބަލައިގެންފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާވެސް ދެކޮޅުކަމެއް
 
މި ހަރަކާތަށް ދިވެހި ސަރުކާރުން ފުރުސަތު ނުދޭނެކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައި

އިދިކޮޅު ލީޑަރު, ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޖަލު ހުކުމަށްފަހު އެމަނިކުފާނު ގެންދަވަނީ އަވައްޓެރި އިންޑިޔާއާ ދެކޮޅަށް ހިންގަވަމުން ގެންދަވާ އިންޑިޔާ އައުޓް ކެމްޕޭން ފުޅާ ކުރައްވަމުންނެވެ. ދުވަހެއް ދުވަހަކަށް މި ކެމްޕޭން ފުޅާ ކުރައްވަމުން ގެންދަވާއިރު، ކަމާބެހޭ ފަރާތްތަކުން ސިފަ ކުރަމުންދަނީ މިއީ ގައުމަށް ނުހަނު ނުރައްކާތެރި، އަދި ގައުމުގެ މުސްތަގުބަލަށް އޭގެ ނޭދެވޭ އަސަރު ނުކޮށް ނުދާނެފަދަ ކެމްޕޭނެއްގެ ގޮތުގައެވެ.

މިސާލެއްގެ ގޮތުން, މިކަމުގައި ސަރުކާރުގެ ބަހަށް ބަލާއިރު، އިންޑިޔާ އައުޓްގެ ނަމުގައި އިދިކޮޅުން ކެމްޕޭނު ކުރިއަށްގެންދަނީ އެކަމުގެ ނުރައްކާތެރިކަން އެނގިތިބެކަމަށް ރައީސް އޮފީހުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. އެގޮތުން މި ކެމްޕޭނަކީ ގައުމީ ސަލާމަތަށްވެސް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި ރައީސް އޮފީހުން ސިފަކުރެއެވެ. އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭންގެ ސަބަބުން ރާއްޖޭގައި އުޅެމުންދާ އިންޑިޔާ މަސައްކަތްތެރިންނަށްވެސް އޭގެ ނުރައްކަލާ ކުރިމަތިވެފައިވާކަމަށް ކަމާބެހޭ ވުޒާރާތަކުން ގެންދަނީ ބުނަމުންނެވެ.

ހަމައެއާއެކު، އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ހިންގާ ޣައްދާރުވުމުގެ އަމަލަށް ދިވެހި ސަރުކާރުން ފުރުސަތު ނުދޭނެކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތަކުގެ ނަމުގައި, ސިޔާސީ ޕާޓީތަކުގެ ވެރިންގެ ގޮތުގައި، އަދި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން އަވައްޓެރި ގައުމުތަކާ (ޚާއްސަ ގޮތެއްގައި އެންމެ ކުރީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އަދި ދިވެހިންގެ އެތައް ހާސް ބަޔަކު އަބަދުވެސް ޒަރޫރީ އަދި އަސާސީ ކަންތައްތައް އެބައެއްގެ ފަރާތުން ފުއްދަމުންދާ އަވަށްޓެރި އިންޑިޔާއާ) ޒާތީގޮތުން ޖައްސާލައިގެން ހިންގާ މި ހަރަކާތަށް ފުރުސަތު ނުދެއްވާނެ ކަމަށް ސަރުކާރުންވެސް އޮތީ ބުނެފައެވެ.

ދެން އޮތީ ޚާރިޖީ ގުޅުންތަކުގެ ކަންކަން އެންމެ ގާތުން ބަލާ އެއް އިދާރާކަމަށްވާ ފޮރިން މިނިސްޓްރީއެވެ. ޚާރިޖީ ގުޅުމުގެ ސަބަބުން ފަހިވެގެންދާ ކަންކަމާ ގުޅިގެން ގައުމަށް ނުރައްކަލެއް ވެގެންދާނަމަ ގައިމުވެސް ފޮރިން މިނިސްޓްރީން އެކަމަށް ފިޔަވަޅެއް އަޅާނެއެވެ. ނަމަވެސް ފޮރިން މިނިސްޓްރީންވެސް ބުނަނީ ވަކި ގައުމަކާމެދު ނަފްރަތު އުފެއްދުމަކީ ރާއްޖެއިން ބަލައިގެންފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާވެސް ދެކޮޅު ކަމެއްކަމަށެވެ. މިފަދަ ހަރަކާތްތައް ފުޅާވެ، ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ހާލަތެއް އައިސްފިނަމަ, އިންޑިޔާގައި އުޅޭ ދިވެހިންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ހައްތަހާވެސް ކަންބޮޑުވާން ޖެހޭ ވާހަކަތަކެވެ.

ދެން އޮތީ, އިންޑިޔާ އަސްކަރިއްޔާ މި ގައުމުން ބޭލުމަށް ގޮވާލަމުންދާ ގޮވާލުމަށް ޖަވާބުދާރީވެ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ދިވެހި ސިފައިން ދިން ޔަގީންކަމެވެ. ރާއްޖޭގެ ދިފާއަށް އަސަރުކުރާނެފަދަ އެއްވެސް އެއްބަސްވުމެއް އިންޑިޔާއާއެކުވެސް ނުވަތަ އެހެން ގައުމަކާއެކުވެސް އެކުލަވާލާފައި ނުވާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހަމައެއާއެކު، ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އަދި އިންޑިޔާ އައުޓް ކެމްޕޭނާއެކު ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އެ މިނިސްޓްރީން ސާފުކޮށް ވަނީ ބުނެފައެވެ.

މިއީ ހައްތަހާވެސް ކަންބޮޑުވާން ޖެހޭ ވާހަކަތަކެވެ. ދައުލަތުގެ އެކި އިދާރާތަކުން މި ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ ގައުމާއި ދިވެހި ރައްޔިތުންވެސް ބޮޑު ނުރައްކަލަކަށް ހުށައަޅާނެ ހަރަކާތެއްކަމަށް އެ ގެންދަނީ ބުނަމުންނެވެ. ވީއިރު އެ ހަރަކާތް އިންތިޒާމުކުރަމުންދާ ސިޔާސީ ޕާޓީއާމެދު ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ފިޔަވަޅެއް އެޅުމަށް ފަސްޖެހެނީ ކީއްވެތޯ އެތައް ބަޔަކު ގެންދަނީ ސުވާލު ކުރަމުންނެވެ.

އެކަމާ ގުޅިގެން އީސީން މީގެ ކުރިން ބުނެފައިވަނީ, ދަރިންދެކެ މައިންބަފައިން ލޯބިވާ ފަދައިން އިލެކްޝަން ކޮމިޝަނުންވެސް ސިޔާސީ ޕާޓީތައް ދެކެ ލޯބިވާކަމަށާއި އުސޫލާ ޚިލާފުވިނަމަވެސް ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫންކަމަށެވެ.

އީސީން މައުލޫމާތު ދޭގޮތުގައި, އެންމެ ފުރަތަމަ ސިޔާސީ ޕާޓީއަކުން ގާނޫނާ ޚިލާފަށް ހަރަކާތްތައް ހިންގާނަމަ ކޮމިޝަންގެ ފަރާތުން އެޕާޓީއަށް ސިޓީ ފޮނުވައެވެ. ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ ޕާޓީތަކުގެ ވެރިންނާ ބައްދަލުކޮށް ނަސޭހަތް ދެއެވެ. އަދި ތިން ވަނަ ފަހަރު ނަމަ އިންޒާރު ދޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ. އިންޒާރާއެކުވެސް ކުށް ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރާގޮތަށް އޮވެއެވެ.

އެހެންނަމަވެސް ސުވާލަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ސިޔާސީ ޕާޓީއަކުން އަމަލު ކުރަމުންދާކަމަށް ކަމާބެހޭ ހުރިހާ އިދާރާއަކުން ބުނަމުންދާއިރުވެސް، އީސީން އިސްވެ، އެ މައްސަލައެއް ބެލުން ނޯވޭބާއެވެ؟ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ މައްސަލަ އެއްވެސް ފަރާތަކުން ޖައްސައިފިނަމަ އެމައްސަލަ ބަލާނެކަމަށް އީސީން އޮތީ ބުނެފައެވެ. ނަމަވެސް އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އީސީން މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ.

މައިންބަފައިން ދަރިން ދެކެ ލޯބިވެއެވެ. ނަމަވެސް މައިންބަފައިން ދަރިންނަށް އަދަބުވެސްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް