އެއްއަހަރަށް ވުރެ ގިނަ ދުވަސްފަހުން ޗައިނާއިން ކޮވިޑް-19 ގައި 2 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ ސިއްހަތާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ މި ދެ މީހުން މަރުވެފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ. މިއީ ޖެނުއަރީ މަހުން ފެށިގެން އެގައުމުގައި ކޭސްތައް އިތުރުވާން ފެށިފަހުން ކޮވިޑް މަރެއް ރިޕޯޓް ކުރި ފުރަތަމަ ފަހަރެވެ. ދެމީހުން ވެސް މަރުވެފައިވަނީ ޗައިނާގެ އިރު އުތުރު ޖީލިން ޕްރޮވިންސުންނެވެ. މިއާއެކު އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 4،638އަށް އަރާފައެވެ.
ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް އެގައުމުން ހާމަކޮށްފައިވާ އިރު، ހޮނިހިރު ދުވަހު 2157 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވެއެވެ. ޖީލިން ޕްރޮވިންސް ގެ ހާލަތު ވަރަށް ގޯސްވެފައި ވުމާއިއެކު މިހާރު އެޕްރޮވިންސް ވަނީ ލޮކްޑައުން ކޮށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި ބޯޑަރު ހުރަސްކޮށް ދަތުރުކުރުމުގައި ފުލުހުންގެ ހުއްދަ ނަގަންޖެހޭ ގޮތަށް ވަނީ ސަރުކާރުން ނިންމާފައެވެ. މިއީ މީގެ ދެއަހަރު ކުރިން ވޫހާން ޕްރޮވިންސުން ކޮވިޑް19 ބަލިފެނި، ޕެންޑަމިކް ފެށުނު ފަހުން މުޅި ޕްރޮވިންސެއް މިގޮތަށް ބަންދުކުރި ފުރަތަމަ ފަހަރެވެ.
ބަލިމީހުން ކަރަންޓީނުކޮށް އަދި ފަރުވާ ދެވޭގޮތަށް ޖީލިން ގައި މިހާރު ވަނީ ވަގުތީ ފަސް ހޮސްޕިޓަލް ތައްޔާރުކޮށްފައެވެ. އަދި އާންމުން ކޮވިޑް ޓެސްޓް ހެދުން ވަނީ މަޖްބޫރު ކޮށްފައެވެ.
ޖީލިންގެ އިތުރުން ވެރިރަށް ބޭޖިންގ އާއި އިންވެގެން އޮންނަ ލަންފަންގ އާއި ޑޮންގުއަން ގެހާލަތުވެސް ވަރަށް ގޯސްކަމަށް ޚަބަރުލިބެއެވެ.
12.5 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ޝެންޒެން ވެސް ނިމުނު ހަފްތާގައި ފަސް ދުވަހަށް ލޮކްޑައުން ކޮށްފައިވެއެވެ.