ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަންނަން އަދިވެސް ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަރުޖަމާނެއް ވަނީ ބަލިމަޑުކަމުން އަރައިގަތުމާ ކައިރިއަށް އަދި ނުދެވޭ ކަމަށް ހުކުރު ދުވަހު ވިދާޅުވެފައެވެ.
ޖެނީވާގައި އޮތް ނޫސްވެރިްނގެ ބައްދަލުވުމެއްގައި ސިއްހަތު ޖަމިއްޔާގެ ތަރުޖަމާން މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ނިމުމަކަށް އައިސްފިތޯ ނޫސްވެރިއަކު ސުވާލުކުރުމުންނެވެ. އެގޮތުން ބަލިމަޑުކަމުން އަރައި ނުގަނެވޭ ކަމަށާއި އަދިވެސް މިއޮތީ މި ބަލިމަޑުކަމުގެ މެދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާން މިހެން ވިދާޅުވެފައިވާއިރު، ސިއްހަތު ޖަމިއްޔާއިން ކުރިން ވަނީ މިއަހަރު ނިމޭ އިރު ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ޖެހިއްޖެ ނަމަ މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތްކަމަށް ބުނެފައެވެ. ނަމަވެސް މިހާރުގެ ކޮވިޑް-19ގެ ހާލަތައް ބަލާ، އެޖަމިއްޔާގެ ތަރުޖަމާން މިވަނީ އަދި ބަލިމަޑުކަމުން އަރައި ނުގަނެވޭ ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ކޮވިޑް-19ގެ ކޭސްތައް މަހެއްހާ ދުވަސް ވަންދެން ދަށަށް ޖެހެމުން ދިޔުމަށް ފަހު ކުއްލިއަކަށް ކޭސްތައް އިތުރުވާން ފަށާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭޝިއާގެ ބައެއް ގައުމުތައް ހާއްސަކޮށް ޗައިނާގައި ކޭސްތައް ފެންނަވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ބަލި ކޮންޓްރޯލްނުކުރެވި ކޭސްތައް އިތުރުވާން ފަށާފައި ވަނީ އަލަށް ފެނުނު އޮމިކްރޯން ވޭރިއަންޓާއި ބީއޭ.2 ސަބްވޭރިއަންޓްގެ ސަބަބުން ކަމަށް މާހިރުން ދަނީ ފާހަގަކުރަމުންނެވެ.